އޮޅުވާލައިގެން އަތުލި ދެ ލައްކަ ރުފިޔާ ޖަމާކޮށްފައިވަނީ 7 މީހެއްގެ އެކައުންޓަކަށް

ފްލެޓް ލިބުނުކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައި އެ ފައިސާ ޖަމާކޮށްފައިވަނީ 7 މީހެއްގެ އެކައުންޓަކަށް ކަން ހާމަވެއްޖެއެވެ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗ...

10 Feb 2024 | 11:16

ފްލެޓް ލިބުނުކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އެކައުންޓުން ދެ ލައްކަ ރުފިޔާ ނަގައި އެ ފައިސާ ޖަމާކޮށްފައިވަނީ 7 މީހެއްގެ އެކައުންޓަކަށް ކަން ހާމަވެއްޖެއެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި އޮޅުވާލައިގެން ދެ ލައްކަ ރުފިޔާ ނަގާފައިވަނީ ގއ.ވިލިނގިލީ މީހެއްގެ ބޭންކް އެކައުންޓުންނެވެ.

މި ފައިސާ ޖަމާވި މީހުންގެ އެކައުންޓްތަކުގެ މައުލޫމާތައި، ފައިސާ ޖަމާވެފައި ހުރި އަދަދުތައް ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފައެވެ. އެ މައުލޫމާތު ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވަނީ ލަނޑު ލިބުނު އަންހެން މީހާގެ ފިރިމީހާއެވެ.

ހީލަތުގެ ފައިސާ 7 މީހެއްގެ އެކައުންޓަށް ޖަމާވެފައިވަނީ ލަނޑު ލިބުނު އަންހެން މީހާ އީމެއިލްގައިވާ ޕާސްވޯޑެއް ގުޅި ފަރާތަކާއި ހިއްސާކުރުމުންނެވެ. އެ އަންހެން މީހާގެ އާއިލާއިން ތުހުމަތުކުރާ ގޮތުގައި އެ ޖަރީމާގައި ގއ.ވިލިނިގިލީ ބަޔަކު ހިމެނެއެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

ސްކޭމް ކޮށްގެން މީހުންގެ އަތުން ފައިސާ ހޯދުމަކީ ރާއްޖޭގައި ވަރަށް އާއްމު މައްސަލައެކެވެ. ފުލުހުން ބުނީ މިދިޔަ އަހަރުގެ ފަހު ކޮޅުން ފެށިގެން މިއަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން ފައިސާ ހޯދުމުގައި 27 މިލިއަނަށް ވުރެ ގިނަ ރުފިޔާ މީހުންގެ އަތުން ގެއްލިފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ރިކަވާ ކުރެވިފައިވަނީ ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް