މާލެ އިންޑަސްޓްރިއަލް ވިލެޖު އަލުން ތަރައްގީ ކުރަނީ

މާލެ އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފިއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީ...

10 Feb 2024 | 11:05

މާލެ އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކުރުމުގެ މަސައްކަތް އަލުން ފަށަން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުއާއެކު ބޭއްވި ބައްދަލުވުމެއްގައި އެ މަސައްކަތް އަލުން ފެށުމަށް މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ވަޖީހު ވިދާޅުވީ ނިމިދިޔަ އިބްރާހިމް މުޙައްމަދު ސާލިޙްގެ ސަރުކާރުން މާލެ އިންޑަސްޓްރިއަލް ވިލެޖު ފޮތިފޮތިކޮށް އެތަނުގެ ބިންތައް އެކި ފަރާތްތަކަށް ބަހާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި، ވީހާވެސް އަވަހަށް އެ ސަރަހައްދު ސާފުކޮށް ސަރުކާރުގެ ޕްލޭނާއި އެއްގޮތަށް މަސައްކަތް ފައްޓަވާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ މާލެ އިންޑަސްޓްރިއަލް ވިލެޖު އަލުން ތަރައްގީކުރުމަށް ފަހު، އެތަނުގައި ސްޓޯރޭޖް، ގަރާޖު، ލަކުޑި މަސައްކަތް އަދި އެކި ކަހަލަ ވޯކްޝޮޕް ހިންގުމަށް ބިން ދޫކުރާނެ ކަމަށެވެ.

މާލެ ތެރޭގައި ގަރާޖުތަކާއި ވޯކްޝޮޕްތައް ހިންގުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ގިނަ އުނދަގޫތައް ކުރިމަތިވެއެވެ. އެތަންތަނުގައި ބޭނުންކުރާ ތަކެތީގެ ސަބަބުން ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ވެސް ހިނގާފައި އެބަހުއްޓެވެ. މިކަމާ ގުޅޭ ގޮތުން ވަޖީހު ވިދާޅުވީ މިފަދަ ތަންތަން ބަދަލުކުރެވުމުން ރައްޔިތުންނަށް ހަމަޖެހިގެން އުޅެވޭނެ ކަމަށެވެ.

ވަޖީހު ވިދާޅުވީ އެތަން ތަރައްގީ ކުރުމުގެ މަސައްކަތް އަލުން ފެށުމުގެ ގޮތުން މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އިންޑަސްޓްރިއަލް ވިލެޖު ތަރައްގީކުރުމަށް ކުރީ ސަރުކާރުތަކުން ޕްލޭންތަކެއް ހެދި ނަމަވެސް، އެ ޕްލޭންތަކާ އެއްގޮތަށް އެތަން ތަރައްގީކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އެތަން ފުނިޖެހިފައިވަނީ ހަލާކުވެފައި ހުރި އުޅަނދުތަކާއި އެކި މީހުން އުކާލާފައި ހުރި ފަރުނީޗަރުތަކާއި ކުނިތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް