މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ގައުމީ އެއާލައިން މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 5.6 މިލިއަނަށް އަރާކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސަރވިސަސް އިން ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެ ފައިސާއަކީ ރިޔާސީ އިންތިހާބު ދުވަސްވަރު އެމްޑީޕީން މޯލްޑިވިއަންގެ ފްލައިޓްތަކުގައި ކޮށްފައި ހުރި ދަތުރުތަކުގެ ފައިސާ ކަމަށެވެ. އެގޮތުން އެމްޑީޕީން ދައްކަން ޖެހޭ ފައިސާގެ އަދަދަކީ ޖުމްލަ 5,629,861 މިލިއަން ރުފިޔާ ކަމަށް އައިލެންޑް އޭވިއޭޝަނުން މައުލޫމާތުދެއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ ފައިސާ ނުލިބި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހުގެ ތެރޭގައި ކޮށްފައިވާ 10 ދަތުރަކަށް ކަމަށެވެ. އެ ފައިސާ ހޯދުމަށް އެކި ފަހަރު މަތިން އެމްޑީޕީއަށް ސިޓީ ފޮނުވާފައިވާ ނަމަވެސް އަދިވެސް ބިލްތަކަށްވާ ފައިސާ ނުލިބޭ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އެމްޑީޕީއާއެކު އެއްބަސްވެފައި ވާނީ ހިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދެއްކުމަށް ކަމަށެވެ. އަދި މި މަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ނިޔަލަށް ފައިސާ ނުލިބިއްޖެ ނަމަ ޝަރުއީ މަރުހަލާތައް ފަށާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް