ސްމާޓް ޕާކިންގ އާއެކު އެޗް.ޑީ.ސީން ޕާކިންގ އަށް އިންގިލާބެއް

އާބާދީއާއެކު އިތުރުވަމުންދާ ވެހިކަލްތައް ޕާކު ކުރުމަކީ ބިންކުޑަ މި ރާއްޖޭގައި މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ  ވަރަށް ދަތި ކަމެކެވެ. ހާއްސަކޮށް މާލެ އަދި ހުޅުމާލޭގައި ޕާކު ކުރުން ވަނީ ވަރަށްވެސް...

10 Feb 2023 | 14:26

އާބާދީއާއެކު އިތުރުވަމުންދާ ވެހިކަލްތައް ޕާކު ކުރުމަކީ ބިންކުޑަ މި ރާއްޖޭގައި މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ  ވަރަށް ދަތި ކަމެކެވެ. ހާއްސަކޮށް މާލެ އަދި ހުޅުމާލޭގައި ޕާކު ކުރުން ވަނީ ވަރަށްވެސް އުނދަގޫ ކަމަކަށް ވެފައެވެ.  ޕާކު ކުރުމުގެ ކަންކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެޗް.ޑީ.ސީން އަންނަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ދާދި ފަހުން ވަނީ ކާރު، އަދި ބަރު އުޅަނދު ފަހަރަށް ހާއްސަކޮށްގެން ޕާކު ކުރާނެ ޖާގަ ތަކެއް ހުޅުމާލޭގެ އެކި ސަރަހައްދު ތަކުން ދޫކޮށްފައެވެ. އަދި މިވަގުތު މި ކޯޕަރޭޝަނުން ދަނީ ސްމާޓް ޕާކިންގ ހުޅުމާލޭގައި ތައާރަފު ކުރުމަށް ތައްޔާރު ވަމުންނެވެ. ދިވެހިރާއްޖޭގައި މުޅިން އަލަށް ތަޢާރަފުކުރާ ސްމާޓް ޕާކިންގެ ސަބަބުން ޕާކު ކުރުމުގެ ކަންކަމަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައުމަކީ ޝައްކެއް ހުރި ކަމެއް ނޫނެވެ. މިވަގުތު ޕައިލެޓް ޕްރޮޖެކްޓެއް ގޮތަށް ކުރިއަށް ގެންދިމަށް ހަމަޖެހިފައިވާ މި ސްމާޓް ޕާކިން ސޮލިއުޝަން ޓެސްޓު ކުރުމުގެ މަސައްކަތް ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދުގައިވާ ފިތުރޯނު ޕާކިން ޒޯނުގައި އެބަ ކުރިއަށް ދެއެވެ.

ސްމާޓް ޕާކިންގގައި ޕާކިން ޖާގަ ރިޒާވް ކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރ ޕްލޭޓްތައް ކެމެރާއެއް މެދުވެރިކޮށް ރީޑްވެގެން ހުޅުވޭ އޮޓޯ ބޫމް ގޭޓެއް ސްމާޓް ޕާކިން ޒޯންގައި ހަރު ކުރެވިފައި ވާނެއެވެ. އަދި ޕާކު ކުރާ އުޅަނދުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސީސީޓީވީ ކެމެރާ މި ޕާކިން ޒޯންގައި ހަރުކުރެވިފައި ހުންނާނެއެވެ. އަދި ޒޯންގެ އެތެރޭގައިވާ ޕާކިން ޖާގަތައް ފެންނަގޮތަށް ހުންނަ ޑިޖިޓަލް ބޯޑެއް ޒޯންގެ ބޭރުގައި ހަރުކުރެވިފައި ހުންނާނެއެވެ. މީގެ އިތުރުން، ހަމަ އެކަނި ކާރު ޕާކިންގއަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިންގ ޒޯންގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަ ތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ.

ޕާކު ކުރުމުގެ ކަންކަން ލުއިފަސޭހަކުރުމަށްޓަކައި ޕާކިން އެޕްލިކޭޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރެވެމުންނެވެ. މި އެޕްލިކޭޝަން ވެގެންދާނީ ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަކަށެވެ. އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިން ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެއެވެ. އަދި ޕާކިން ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިން ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް