ދުނިޔޭގެ ޤައުމުތަކުގައި ލޯބިވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ފެބްރުއަރީ 14 ވަނަ ދުވަސް އިންޑިއާގައި ފާހަގަކުރުމަށް ތީމަކަށް "ގެރި ލޯބި" ނެގުމަށް އިލްތިމާސް ކުރުމުން އާންމުންގެ ރުޅިވެރިކަން އަމާޒުވުމުން އެ ނިންމުން އަނބުރާ ގެންގޮސްފި އެވެ.
ބައިނަލްއަޤްވާމީ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން އިންޑިއާގެ އެނިމަލް ވެލްފެއާ ބޯޑުން ނެރުނު ބަޔާނަކާއި ހަވާލާދީ ބުނެފައި ވަނީ 14 ފެބްރުއަރީ ކައު ހަގް ޑޭގެ ގޮތުގައި އިއުލާނު ކޮށްފައިވާ ކަމަށެވެ.
އަދި ވެލެންޓައިންސް ޑޭގެ ހުޅަނގުގެ ސަގާފަތްތައް އެއްފަރާތްކޮށް، އޭގެ ބަދަލުގައި އެޤައުމުގެ ސަގާފީ އަގުތައް ކުރިއެރުވުމަށް ގެރިތަކާ އެކު ބައްދާލައިގެން އެ ދުވަސް ފާހަގަ ކުރުމަށް އިންޑިއާގެ އެނިމަލް ވެލްފެއަރ ބޯޑުން ވަނީ ހިތްވަރު ދީފައެވެ.
ހަމައެހެންމެ ގެރިއަކީ އިންޑިއާގެ ސަގާފަތާއި އިގްތިސާދުގެ ބުރަކަށިކަމަށް އެ ޤައުމުގެ އެނިމަލް ވެލްފެއަރ ބޯޑުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މި ނިންމުމުގެ ސަބަބުން އެތައް ސަތޭކަ މީމްތަކާއި ޖޯކުތަކެއް އުފެދި ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވުމުގެ ސަބަބުން މިހާރު އިންޑިއާގެ އެނިމަލް ވެލްފެއާ ބޯޑުން ވަނީ ފެބްރުއަރީ 14 ވަނަ ދުވަސް ކައު ހަގް ޑޭގެ ގޮތުގައި ފާހަގަ ކުރަން ނިންމި ނިންމުން އަނބުރާ ނަގާފަ އެވެ.
ކައު ހަގް ޑޭ އަކީ އިންޑިއާގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން އިސްނަގައިގެން ގެރިއަށް އިހުތިރާމް ކުރުމަކީ އިންޑިއާގެ ސިޔާސަތަކަށް ހެދުމަށް ފާހަގަކުރުމަށް މަސައްކަތް ކުރި ދުވަހެކެވެ.
އިންޑިއާގެ ގިނަ ސްޓޭޓްތަކުގައި ގެރި ކަތިލުން މަނާކޮށްފައިވާއިރު، ވެރިރަށް ދިއްލީ ހިމެނޭ ގޮތަށް ގިނަ ތަންތަނުގައި ބީފް ވިއްކުމާއި ކެއުން ވެސް ވަނީ މަނާކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް