ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނަށް އަވަސްކަމާ އެކު އަދުލު އިންސާފު ފޯރުކޮށްދިނުމަށް ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.
އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން މިހެން ވިދާޅުވީ "ޤަޟާއީ އަހަރު 2023" ގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރުއީ ދާއިރާ އިން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނުއަސާސީއާ އެއްގޮތަށް ކަމަށާއި އެ މަސައްކަތުގައި ފަނޑިޔާރުންގެ މަޤުސަދަކަށް އަބަދުވެސް ވާން ވާނީ ރައްޔިތުންގެ ސަލާމަތާއި މަސްލަހަތު ހިމާޔަތްކުރުން ކަމަށެވެ.
އަދި ޝަރުއީ ދާއިރާއިން އަބަދުވެސް މަސައްކަތް ކުރާނީ ޤާނޫނު އަސާސީ އާއި ޤާނޫނުގެ ވެރިކަން ނަގަހައްޓައި ކަށަވަރުކޮށްދީ ރައްޔިތުންނަށް އަވަސްކަމާ އެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގައި ދެމިތިބުމަށް ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.
ކޮންމެ އަހަރަކު ވެސް ޤަޟާއީ އަހަރު ފެށުމަށް ބާއްވާ ޖަލްސާއަށް ފަހު ފަނޑިޔާރުންނާއި ޝަރުއީ ދާއިރާއާ ގުޅުން ހުރި އެކި މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތައް ބާއްވާ ކަމަށާއި މި އަހަރު ވެސް މިފަދަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައި ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޤާނޫނުތަކަށް އަންނަ ބަދަލުތަކަށް ފަނޑިޔާރުން އަހުލުވެރިވާން ޖެހޭ ކަމަށާއި ފަނޑިޔާރުން އަހުލުވެރި ކުރުމަށްޓަކައި ޝަރުއީ ދާއިރާއިން ބޭރުގެ ގައުމުތަކާއި ޖަމާއަތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާތީ އިސްލާހީ ބަދަލުތައް ގެންނަ އިރު، އިސްލާމީ އުސޫލުތަކާއި ޒަމާންވީ އާދަކާދަތަކާއި ދައުލަތުގެ ކެރިފޯރުންތެރިކަމާއި ބައިނަލްއަގުވާމީ އުސޫލުތަކަށް އިހުތިރާމް ކުރަންޖެހޭ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް