އެމްޑީޕީގެ ޗެއާޕާސަން ހޮވުން އޭޕްރިލްގައި، ކޮންގްރެސް އޮގަސްޓުގައި ބާއްވަން ފާސްކޮށްފި

ވެރިކަން ކުރާ އެމްޑީޕީގެ ކޮންގްރެސް އަންނަ އޮގަސްޓު މަހު ބާއްވައި ޗެއާޕާސަން ހޮވުން އަންނަ އޭޕްރިލް މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ. މިރޭ ބޭއްވި އެ ޕާޓިގެ ގައުމީ މަޖިލީހުގަ...

10 Feb 2022 | 17:25

ވެރިކަން ކުރާ އެމްޑީޕީގެ ކޮންގްރެސް އަންނަ އޮގަސްޓު މަހު ބާއްވައި ޗެއާޕާސަން ހޮވުން އަންނަ އޭޕްރިލް މަހު ބޭއްވުމަށް އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.

މިރޭ ބޭއްވި އެ ޕާޓިގެ ގައުމީ މަޖިލީހުގައި ފާސްކޮށްފައިވަނީ އެމްޑީޕީގެ ކޮންގްރެސް އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާށެވެ. އެ ކޮންގްރެސްގައި އޮންނާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމާ މެދު ގޮތެއް ނިންމުމެވެ.

އެއީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް އެ ޕާޓީން ގޮތެއް ނިންމުމެވެ. މި އިސްލާހު ހުށަހެޅުއްވީ ރައީސް މުހައްމަދު ނަޝީދެވެ.

ދެން މިރޭގެ ޖަލްސާގައި ފާސްކޮށްފައިވަނީ ޗެއާޕާސަން ހޮވުމާއި ޕީޖީ ގްރޫޕުގެ މަގާމުތައް ހޮވުމަށް އިންތިހާބު ބާއްވާނެ ތާރީހުތަކެވެ. ޗެއާޕާސަން އާއި ޕާޓީގެ މަގާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ އޭޕްރިލް މަހުގެ16 ގައި ބާއްވަން ނިންމި އިރު ޕާލިމެންޓްރީ ގްރޫޕުގެ އިންތިހާބު މި މަހުގެ 18 ގައި ބާއްވަން ވަނީ ފާސްކޮށްފަ އެވެ.

މީގެ ތެރެއިން ޗެއާޕާސަން އާއި ޕާޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ15 ދުވަހު ހުޅުވާލާނެ އެވެ. ޕީީ ގްރޫޕުގެ މަގާމުތަކަށް ކުރިމަތިލުމަށް މިރޭ ވަނީ ހުޅުވާލާފަ އެވެ.

މިރޭގެ ޖަލްސާގައި ވަނީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ބަޔާންކުރާ ހުރިހާ މަގާމެއްގެ ވެސް ހިނގަމުންދާ ދައުރުގެ މުއްދަތު ހަމަވުމުގެ ކުރިން އާ ދައުރަށް މީހަކު ހޮވުމަށް ބާއްވާ އިންތިހާބުގެ އެންމެހާ ކަންކަން ނިންމައި ދާއިމީ ނަތީޖާ އިއުލާންކުރަން ވެސް ފާސްކޮށްފަ އެވެ. އޭގެ ތެރޭގައި އެއްވެސް ސަބަބަކާ ހުރެ މަގާމެއް ހުސްވެއްޖެ ނަމަ 30 ދުވަހުގެ ތެރޭގައި އެ މަގާމެއްގެ އިންތިހާބު ޕާޓީގެ ފަރާތުން އިއުލާން ކުރުން ވެސް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް