މުސްކުޅިވެ ގައިބާރުދެރަވާ ދުވަހު ކޮންމެ މީހަކުވެސް ބޭނުންވާނީ ތިމާއަށް އަލާލާ އޯޤާތެރިވާނެ ފަރާތެކެވެ. އެހެނީ ތިބާ އަކީވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުން ޖެހޭނެ މީހެއް ކަމުން މިކަމާއި ވިސްނާ ފިކުރު ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. އެހެން ކަމުން އެންމެ ފުރަތަމަ ވެސް ތިބާ ކުރަން ވި އެންމެ މުހިންމު އެއް ކަމަކީ ތިބާގެ ދަރިންނަށް ލޯތްބާއި އަޅާލުމާއި އޯޤާތެރިކަން ދީ އެ ދަރިން ރަނގަޅު ތަރުބިޔަތަކާއި އެކު ބޮޑުކުރުމެވެ.
ތިބާ މުސްކުޅިވެ ގައިބާރު ދެވަރެ ތަންމަތީގައި އޮންނަން ޖެހޭ ދުވަހު އެންމެ ބޮޑަށް ބުރަވެވޭނީ ތިބާގެ ދަރިންގެ ފަރާތުން ލިބޭނެ އަޅާލުމާއި އޯގާތެރިކަމަށެވެ. އެހެން ކަމުން ދަރިންނާއި މެދު ހަމަ އެގޮތަށް ތިބާވެސް އަޅާލާ އޯޤާތެރިވެ ރަނގަޅު ތަރުބިޔަތަކާއި އެކު އެކުދިން ބޮޑެތިކުރާށެވެ. އޭރުން މާދަން ތިބާއަށް އަޅާލުމާއި ގޯޤާތެރިކަން ބޭނުންވާ ދުވަހު ތިބާގެ ދަރިން ހަމައެގޮތަށް ތިމާއާއިމެދު އޯޤާތެރިވެ އަޅާލާނެއެވެ.
އަޅުގަނޑުމެންގެ މި މުޖުތަޢުއަށް ބަލާއިރު، ކަން ހިނގާ ގޮތް ވަރަށް ތަފާތެވެ. ދަރިންނަށް އަޅާތާ އޯޤާތެރިވުމުގެ ބަދަލުގައި ދަރިންނާއި އަޅާ ނުލާ އުޅޭނެ ގޮތަކަށް އެ ކުދިން އުޅެން ދޫކޮށްލާފައި ކޮންމެ ގޮތެއް ވަރިހަމަ ކޮށްލައިގެން ތިބޭ މައިންނާއި ބަފައިން މަދެއްނޫނެވެ. ބައެއް މައިންބަފައިންނަށް ހީވެފައި އޮންނަނީ ތިމަންމެން ކޮންމެ ގޮތަކަށް ދަރިންނާއިމެދު ކަންކުރި ނަމަވެސް އެދަރިން ބޮޑެތިވެ އަމިއްލަ ފައިމައްޗަށް ތެދުވާ ދުވަހު އަޅާލާ އޯޤާތެރިވާނެ ކަމަށެވެ. ނޫންނަމަ އިސްލާމް ދީނުގައި ބަޔާންވެފައި އޮންނަ ގޮތަށް ދަރިންޖެހޭނީ މައިންބަފައިންނާއި މެދު ހެޔޮކޮށް ހިތާ އަޅާލާށެވެ.
ކަން އޮތީ މިހެންނެވެ. މައިންބަފައިންނަށް ހެޔޮކޮށް ހިތާ އެބައިމީހުންނަށް އަޅާލާ އޯޤާތެރި ވުމަކީ ދަރިންގެ މައްޗަށް ވާ ވާޖިބެކެވެ. ނަމަވެސް މައިންބަފައިން ހަމަ އެކަނި މި ވިސްނުމުގައި ތިބެ ދަރީންނަށް އަޅާނުލާ ދޫކޮށްލައިގެން ތިބޭނަމަ އެކަމުގެ ނަތީޖާ ހިތިވާނެ އެވެ. އަދި އެއީ އެކަމާއި މެދު ޤިޔާމަތްދުވަހުން ސުވާލު ކުރެވޭނޭ ކަމެއް ކަމަށް ދަންނަ ބޭކަލުން ވިދާޅުވެއެވެ. އެހެން ކަމުން މިކަމަށް ކޮންމެ މަޔަކާއި ބަފަޔަކުވެސް ވިސްނާލުން މުހިންމެވެ.
ދަރީންނާއި މެދު އެކުދިން ހިތުޖެހޭ ގޮތަށް ކަންތައް ކުރުމަކީ އެކަމުގެ އަސަރު އެކުދިންނަށް ވަރަށް ބޮޑަށް ކުރާނޭ ކަމެކެވެ. އަދި އެކުދިންގެ ހިތުގައި އެބަޔަކާއި މެދު އޮންނަ ލޯތްބާއި، ކުލުނު އަދި ޤަދަރު އެތައްގުނައެއް ކުޑަވެގެންދާނޭ ކަމެކެވެ. އެހެން ކަމުން އެކުދިން ބޮޑެތިވެ އަމިއްލަ ފައިމައްޗަށް ތެދުވެވޭ ދުވަހުވެސް އެކުދިންނާއި މެދު ހިތުޖެހޭ ގޮތަށް ކަންތައް ކޮށްފައިވާ މައިންބަފައިންނާއި މެދު އެއްވެސް ވިސްނުމެއް ޚިޔާލެއް ފިކުރެއް ނުބަހައްޓާނެއެވެ. އަދި އެކުދިންގެ ބޭނުން މައިންބަފައިންނަށް ޖެހޭދުވަހު އެކަމުގެ ހިތިކަން އެނަޔަކު ތަހައްމަލުވެސް ކުރަން ޖެހޭނެއެވެ. އެހެން ކަމުން މިކަމަކީ އަޅުގަނޑުމްނެ ވަރަށް ބޮޑަށް ސަމާލުވެ ވިސްނަން ޖެހޭނޭ ކަމެކެވެ.
އަނެކާގެ ފަރާތުން އުންމީދެއް ކުރަން ޖެހޭނީ ލޯތްބާއި އަޅާލުމާއި އޯޤާތެރިކަން ތިބާގެ ފަރާތުން ދިނުމަށް ފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް