މޯލްޑިވިއަން އާއި އެމިރޭޓްސްއިން ގުޅިގެން ހިދުމަތްދޭން އެއްބަސް ވެއްޖެ

ގައުމީ އެއާލައިން މޯލްޑިވިއަން އާއި ދުނިޔޭގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ އެމިރޭޓްސް އިން ގުޅިގެން ބައެއް ހިދުމަތްތައް ދިނުމާ ބެހޭ ގޮތުން އެއްބެސްވުމެއްގައި ސޮއިކޮށްފި އެވެ. މޯލްޑިވިއަން އިން ނެރުނު...

10 Feb 2022 | 14:28

ގައުމީ އެއާލައިން މޯލްޑިވިއަން އާއި ދުނިޔޭގެ މަޝްހޫރު އެއާލައިނެއް ކަމަށްވާ އެމިރޭޓްސް އިން ގުޅިގެން ބައެއް ހިދުމަތްތައް ދިނުމާ ބެހޭ ގޮތުން އެއްބެސްވުމެއްގައި ސޮއިކޮށްފި އެވެ.

މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައި ބުނީ މައިގަނޑު ތިން ހިދުމަތެއް މި އެއްބެސްވުމުގެ ދަށުން ވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ އެއާލައިނުން ކޯޑް ޝެއާކުރުމާއި އިންޓަލައިން ނުވަތަ އެއް އެއާލައިނުން އަނެއް އެއާލައިނެއްގެ ހިދުމަތްތައް ވިއްކައި ކަނެޓްޓިވިޓީ އިތުރުކުރުމާއި ހޮލިޑޭ ޕެކޭޖްތައް ވިއްކުމުގެ މަސައްކަތް ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ހަވާލާދީ މޯލްޑިވިއަންގެ ބަޔާނުގައި ބުނެފައި ވަނީ އެމިރޭޓްސް އަކީ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއާލައިން ކަމަށާއި އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެެއް އުފެއްދިއްޖެ ނަމަ ރާއްޖޭގެ އިގްތިސާދަށް އެކަމުގެ ފައިދާކޮށް ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިވެގެން ދާނެ ކަމަށެވެ.

އެ ބަޔާނުގައި މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވެފައިވަނީ ދުނިޔޭގެ އެންމެ ބޮޑު އެއާލައިނާ އެކު ޕާޓްނަޝިޕް ހެދުމަށް އޮތް ފުރުސަތުތަކަށް މަސައްކަތް ކުރުމަކީ އަދަދު ނުކުރެވޭހާ ގިނަ ފުރުސަތުތައް ފަހިވާނެ ކަމެއް ކަމަށެވެ. އެމިރޭޓްސްއާ އެކު ޕާޓްނަޝިޕެއްގެ ފުރުސަތު ލިބުމަކީ ކޯވިޑްގެ ބަލިމަޑުކަމަށް ފަހު އޭވިއޭޝަން އިންޑަސްޓްރީގައި އަލުން މަގާމު ދަމަހައްޓައި ހަމަޖެހިލަން ލިބޭނެ ފުރުސަތަކަށް ވާނެ ކަމަށާއި މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން އާއި އެމިރޭޓްްސްގެ ގުޅުމާއި ހިދުމަތްތައް އިތުރަށް ފުޅާވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޯޑްޝެއާކުރުމާއި އިންޓަލައިން ހިދުމަތްތަކުން އެމިރޭޓްސް އާއި މޯލްޑިވިއަން ވެސް ވަރަށް ބޮޑަށް ފައިދާކުރާނެ އެވެ. އޭރުން، ރާއްޖޭން ދަތުރުކުރާ މީހުންނަށް އެމިރޭޓްސްގެ 120 އަށް ވުރެ ގިނަ މަންޒިލާ ދުބާއީ މަގުން ގުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަޔާނުގައި ބުނެފައިވަނީ އިންޓަލައިން އަދި ސްޕެޝަލް ޕްރޮރޭޓް އެގްރީމަންޓް (އެސްޕީއޭ) އަކާ އެކު އިންޓަލައިން އަދި ކޯޑްޝެއާރިންއާ ގުޅޭ ހުއްދަތައް ހޯދުމާއި ޓެކްނިކަލް ފީޒިބިލިޓީ ހަދައި މި ހިދުމަތްތަކާ ގުޅޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ދެ އެއާލައިނުން ކުރިއަށް ގެންދާނެ ކަމަށެވެ.

އެމިރޭޓްސް އެއާލައިނުން 265،000 ފަސިންޖަރުން މިދިޔަ އަހަރު ރާއްޖެ އަށް ވަނީ އައިސްފަ އެވެ މިދިޔަ އަހަރު އެވްރެޖްކޮށް ކޮންމެ ދުވަހަކު އެ އެއާލައިންގެ ހަތަރު ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް