މިއަހަރުގެ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ 31.2 އިންސައްތަ އިތުރު

މިއަހަރުގެ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ 31.2 އިންސައްތަ އިތުރު ވެއްޖެއެވެ. މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް 2.3...

10 Feb 2022 | 12:03

މިއަހަރުގެ ޖެނުއަރީ މަހު މީރާއަށް ލިބުނު އާމްދަނީ މިދިޔަ އަހަރަށް ވުރެ 31.2 އިންސައްތަ އިތުރު ވެއްޖެއެވެ.

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނީ މިއަހަރުގެ ޖަނަވަރީ މަހު މީރާއަށް 2.36 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %31.2 އިތުރު އަދަދެއް ކަމަށާއި ޖަނަވަރީ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %38.6 އިތުރު އަދަދެއް ކަމަށެވެ.

އެ އޮތޯރިޓީން ބުނީ މިދިޔަ އަހަރުގެ ޖަނަވަރީ ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިއަހަރުގެ ޖަނަވަރީ ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުން ކަމަށެވެ.

މިގޮތުން، ޑިސެންބަރު 2020 އާއި އަޅައިބަލާއިރު، ޑިސެންބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު 2 ގުނަ އިތުރުވެފައިވާ ކަމަށާއި މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ.

މީގެ އިތުރުން، 2022 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޖަނަވަރީ 2021 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޖަނަވަރީ 2022 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ފީ ޖަނަވަރީ 2021 ގައި ލިބިފައެއް ނުވާކަން ވަނީ ފާހަގަކޮށްފައެވެ.

ޖަނަވަރީ 2022 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 1.05 ބިލިއަން ރުފިޔާ ކަމަށާއި ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސްއިންނެވެ. އެއީ 864.41 މިލިއަން ރުފިޔާ ކަމަށް މީރާ އިން ބުނެއެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި 95.19 މިލިއަން ރުފިޔާ، ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި 84.49 މިލިއަން ރުފިޔާ، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 76.55 މިލިއަން ރުފިޔާ، އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 188.54 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ވެސް މީރާ އިން ބުނެއެވެ.

ޖަނަވަރީ 2022 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 73.88 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް