ހދ. ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުޅުދުއްފުށީގައި ސަރުކާރުން އަޅަން ނިންމާފައިވާ 400 ފްލެޓް، ޑިޒައިންކޮށް އަދި އިމާރާތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ މި ބީލަމުގައި ބައިވެރިވުމަށް ފުރުސަތު ދިނުމަށް ނިންމާފައިވަނީ ޕްލޭނިން މިނިސްޓްރީން އެކުލަވާލާފައިވާ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެ މަތީން ރަޖިސްޓަރީވެފައިވާ އަދި ވަކި ގިންތިތަކަކަށް ފެތޭ ކުންފުނިތަކަށް ކަމުގައެވެ.
އެގޮތުން މަސައްކަތް ކޮށްދިނުމަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ އެންސީބީ އުސޫލުން ކަމުގައި ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މި ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެ ކަމުގައި އެ އިއުލާނުގައި ބުނެފައި ވެއެވެ.
މި މަސައްކަތާ ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯމެޓުގައި މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާންގައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ މި މަސައްކަތާ ބެހޭގޮތުން އެއްވެސް ކަމެއް ސާފުކުރަން ބޭނުންވާނަމަ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ޖެހުމުގެ ކުރިން އީމެއިލް ކޮށްގެން މައުލޫމާތު ސާފުކުރުމަށެވެ.
މީގެ އިތުރުން މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ހުށަހަޅަންޖެހޭނެ ކަމުގައި ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ހާމަކުރެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. އަދި
މި މަސައްކަތުގެ ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމަށް ހަމަޖައްސާފައިވަނީ މާޗް މަހުގެ ތިންވަނަ ދުވަހުގެ ހެނދުނު 11:00 ޖަހާއިރު ފިނޭންސް މިނިސްޓްރީގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް