ދިވެހި ކޮންމެ ރައްޔިތަކަށް ޤާނޫން އަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤަކަށް އުނިކަން އަންނަ ކަމަކަށް ތާއީދު ނުކުރާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ބުނެފިއެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އެ ޕާޓީން ޤަބޫލުކުރާ ގޮތުގައި ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި އޮތުމަކީ ޑިމޮކްރެސީއެއްގެ އެންމެ އަސާސީ އެއް ސިފަ ކަމަށެވެ. އަދި ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެސް ޙައްޤެއް ޤާނޫނަކުން ނިގުޅައިގަނެވޭނެ ކަމީ އެޕާޓީން ދެކޭ އުސޫލާ ހަމައެއް ނޫން ކަމަށެވެ.
އެމްއެންޕީން ބުނީ ޕާޓީގެ ހަރަކާތްތައް އިތުރަށް ފުޅާކޮށް ކުރިއަށް ގެންދިއުމުގައި ސާބިތުކަންމަތީ ތިބި ކަމަށާއި ކުރިއެކޭވެސް އެއްގޮތަށް ޕާޓީގެ މެންބަރުން އިތުރުކުރުމަށާއި 2023 ވަނަ އަހަރަށް އެމްއެންޕީގެ މެނިފެސްޓޯ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ރައްޔިތުންގެ ގާތަށް ކުރާ ދަތުރުތައް އަވަސް ފުރުސަތެއްގައި ފަށާނެ ކަމަށެވެ.
ކޮމަންޑު ދާއިރާގެ އިންތިޚާބުގެ ނަތީޖާއަށް ޢިޝާރާތްކޮށް އެ ޕާޓީން ބުނީ 5 ފެބްރުއަރީގައި ބޭއްވި ކޮމަންޑު ދާއިރާގެ ބައި-އިލެކްޝަންގައި އެ ޕާޓީން ވަނީ ވަރުގަދަ ކެމްޕޭނެއް ކޮށް ރަނގަޅު ނަތީޖާއެއް ނެރެފައި ކަމަށެވެ.
"އެމްއެންޕީ އުފެދުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިރާއްޖޭގެ އެންމެ ދޮށީ ޕާޓީތައް ބައިވެރިވާ އިންތިޚާބެއްގައި ބިރެއްނެތި ބައިވެރިވެ، ހިއްވަރާއެކީ މަސައްކަތްކުރުމަކީ ޕާޓީގެ ކުރިމަގު ނުހަނު އުޖާލާކަން އަންގައިދޭ ކަމެއް. އަދި މި ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް މުޙައްމަދު ރާޝިދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން." އެމްއެންޕީން ބުނެފައިވެއެވެ.
މީގެ އިތުރުން އެ ޕާޓީން ދެކޭ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކޮށްފައި މިވާ ދަނޑިވަޅުގައި މިބޭއްވުނު ބައި-އިލެކްޝަނަށް ނުފޫޒު ފޯރުވުމަށް ސަރުކާރުން ކުރި ކަންކަން ބެލުމަށް މިވަނީ ނުކުޅެދިފައި ކަމަށެވެ.
އެގޮތުން އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު އިންތިޚާބުތައް ބޭއްވުމަށް ހުރި ގޮންޖެހުންތައް ޙައްލުކުރުމަށްޓަކާ އިންތިޚާބުތަކާ ގުޅޭ ޤާނޫނުތަކަށް ގިނަ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި އިންތިޚާބުތަކަށް ނުފޫޒު ފޯރުވުމަށް އެކި ފަރާތްތަކުން ކުރާ ކަންކަން ހުއްޓުވުމަށް ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް އެޕާޓީން ކުރަމުންގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް