މާލެ ސިޓީ ކައުންސިލުން ކުރަން ރާވާފައިވާ ކަންކަމަށް ސަރުކާރުގެ ފަރާތުން އެއްވެސް ވަރަކަށް އެއްބާރުލުން ނުލިބޭ ކަމަށް މާލޭގެ މޭޔަރު ޑރ. މުހަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިދާރާގައި މިއަދު މެންދުރު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެެކި އިދާރާތަކުން އެދޭ ހުރިހާ ކަމެއްގައި އެ ކައުންސިލުން ފުރިހަމަ އެއްބާރުލުން ދިނަސް، ކައުންސިލްގެ ކަންކަމުގައި ސަރުކާރުގެ ފަރާތުން އެއްވެސް އެހީތެރިކަމެއް ނުލިބި، އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކުރަމުންދާ ކަމަށެވެ.
އެގޮތުން މަގުތަށް ހަދަން އާރްޑީސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ޕްރޮޖެކްޓްގައި ވެސް ސަރުކާރުން ބަޖެޓް ހިފަހައްޓައިގެން އުޅުއްވަނީ ގަސްތުކައި ކަމަށް މުއިއްޒު ތުހުމަތުކުރެއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މިސްކިތްތައް މަރާމާތުކުރުމަކީ ކައުންސިލްގެ ޒިންމާއަކަށް ވާއިރު، އެ މަސައްކަތް ކުރުމަށް މިއަހަރުގެ ބެޖެޓުގައި ކައުންސިލަށް ދޭން ނިންމާފައިވާ އެއް މިލިއަން ރުފިޔާއިން އެކަން ނުވާނެކަން ބަޖެޓް ފާސްކުރުމުގެ ކުރިން ސަރުކާރަށް އެންގިޔަސް، އެ ބަޖެޓު ވެސް ބޮޑުކޮށްދީފައި ނުވާ ކަމަށެވެ.
މާލެއިން 1000 ޕާކިން ސޮލޮޓް ކުއްޔަށްދޫކުރަން މާލެ ސިޓީ ކައުންސިލުން އުޅުމުން އެކަން މަޑުޖައްސާލަން އެލްޖީއޭ އަދި ޓްރާންސްޕޯޓް އޮތޯރިޓީން އެންގުމާއި ގުޅިގެން މުއިއްޒުވަނީ ނުރުހުން ފާޅުކޮށްފައެވެ.
މުއިއްޒު ވަނީ މިގޮތަށް ކަންކަން ކުރުމުން ސަރުކާރަށް ވަނީ ކޮން ފައިދާއެއްތޯ ސުވާލުކުރައްވާފައެވެ. އަދި މިއީ ރައްޔިތުންނަށް ކުރެވޭ އުނދަގުލެއް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް