މިޞްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްރިސްޓިއަނަކު އެންމެ މަތީ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސަކަށް

މިސްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްރިސްޓިއަން ދީނުގެ މީހަކު އެ ޤައުމުގެ އެންމެ މަތީ ކޯޓު، ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސްގެ މަޤާމަށް އައްޔަނުކޮށްފިއެވެ. މުސްލިމުންގެ އަގުލަބިއްޔަތު އޮތް ގައުމެއް...

10 Feb 2022 | 10:58

މިސްރުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ކްރިސްޓިއަން ދީނުގެ މީހަކު އެ ޤައުމުގެ އެންމެ މަތީ ކޯޓު، ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސްގެ މަޤާމަށް އައްޔަނުކޮށްފިއެވެ.

މުސްލިމުންގެ އަގުލަބިއްޔަތު އޮތް ގައުމެއްގެ އެންމެ މަތީ ފަނޑިޔާރުގެ މަގާމަށް ކްރިސްޓިއަނެއް ހަމަޖެއްސުމުން ސޯޝަލް މީޑިއާގައި މިވާހަކަ ވަރަށް ބޮޑަށް ދެކެވެމުން އެބަދެއެވެ.

މިޞްރުގެ ރައީސް ޢަބްދުލްފައްތާޙުއް ސީސީ މިދިޔަ އަންގާރަދުވަހު ނެރުއްވި ޤަރާރުގައި ވަނީ ޕޯލްސް ފަހުމީ އިލެކްޒެންޑަރ(بولس فهمي إسكندر) 65އ މަޙްކަމަތުއް ދުސްތޫރުލް ޢުލްޔާގެ ރައީސްކަމުގެ މަޤާމަށް ވަޒީރެއްގެ ފެންރުގައި ޢައްޔަންކޮށްފައެވެ.

މިއާއެކު އެ މަޤާމުގައި ކުރިން ހުންނެވި ސަޢީދު މަރުޢީ ޢުމަރު ރިޓެއަރ ކުރެއްވުމުގެ ޤަރާރެއްވެސް ސީސީވަނީ ނެރުއްވާފައެވެ.

ސަޢީދު މަރުޢީ ރިޓެއަރކުރަންޖެހުނީ ޞިއްޙީ ސަބަބުތަކާހުރެ ކަމުގައި ހާމަކޮށްފައި ވެއެވެ.

އަލަށް ރައީސްކަމަށް ޢައްޔަންކުރެވުނު ޕޯލްސް ފަހުމީ މިސްރުގެ ރައީސްގެ ކުރިފުޅުމަތީގައި ހުވާކުރެއްވީ އިއްޔެއެވެ.

ސަރުކާރުގެ ރަސްމީ ނޫސް އަހުރާމްގައި ބަޔާންކޮށްފައިވާ ގޮތުގައި އަލަށް ޢައްޔަންކުރެވުނު ރައީސަކީ މިސްރުގެ ޖުޑިޝަރީގައި މިހާރު މަސައްކަތްކުރައްވާ އެންމެ ދުވަސްވީ ހަތަރު ބޭފުޅުންގެ ތެރެއިން އެކެކެވެ.

އޭނާ އުފަންވެފައިވަނީ 1959 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

އޭނާއަކީ ޕަބްލިކް ޕްރޮސެކިއުޝަންގައި 1978 ގައި ވަޒީފާއަށް ޢައްޔަންކުރެވުނު އަދި އޭގެފަހުން ތަފާތު ޖުޑިޝަރީގެ މަޤާމުތަކުގައި މަސައްކަތްކުރައްވަމުން އައިސް 1997 ވަނަ އަހަރު މިސްރުގެ އިސްތިއުނާފު ކޯޓުގެ ފަނޑިޔާރަކަށް އަދި 2001 ވަނަ އަހަރު އެކޯޓުގެ

ރައީސަކަށް ވެސް ޢައްޔަންކުރެވިފައިވާ ބޭފުޅެކެވެ.

އޭގެ ފަހުން އެންމެ މަތީ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ނާއިބަކަށް 2010 ވަނަ އަހަރު ޢައްޔަންކުރެވުނެވެ. ނަމަވެސް 2012 ވަނަ އަހަރު އެ މަޤާމު ދޫކޮށްލަންވަންޖެހި ވަޑައިގެން ޤާހިރާގެ އިސްތިއުނާފީ ކޯޓުގެ ރައީސްކަމަށް ޢައްޔަންކުރެވުމުންނެވެ. އޭގެ ފަހުން ދެވަނަ ފަހަރަށް އެ ޤައުމުގެ އެންމެ މަތީ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ނާއިބަކަށް 2014 ވަނަ އަހަރު އަލުން އައްޔަނު ކުރެވިފައި ވެއެވެ.

މިސްރުގެ އާބާދީގެ 102 މިލިއަން މީހުންގެ ތެރެއިން ކްރިސްޓިއަނުންގެ ނިސްބަތަކީ އެންމެ 10 ޕަސެންޓެވެ. އަދި އެ ޤައުމުގެ ދައުލަތުގެ ވަޒީފާތަކުގައި ތިބި ކްރިސްޓިއަނުންގެ ނިސްބަތަކީ އެންމެ 2 ޕަސެންޓަށް ވުރެ މަދު އަދަދެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް