ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކަށް އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިފި އެވެ.
މި މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާއެވެ. މި ދައުވާތައް އުފުލާ ކްރިމިނަލް ކޯޓަށް ޕީޖީ އޮފީހުން އެމައްސަލަ ހުށަހެޅީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.
ރިޝްވަތު ދިން ކަމަށް ބުނެ ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
މި މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުވާތައް ސާފު ނުވާ ކަމަށް ޔާމީން ވިދާޅުވެފައިވާތީ މިއަދު އޮތީ ދައުލަތުން އިއްވި ދައުވާތައް ދިފާއަށް ސާފުކޮށްދިނުމެވެ.
ދައުވާތައް ސާފުކޮށްދީ އެ ދައުވާއަށް ޖަވާބުދާރީވާން މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ރައީސް ޔާމީންނަށް ދެއްވި ފުރުސަތުގައި ޔާމީން ވަނީ ދައުލަތުން ކުރާ ދެ ދައުވާއަށް ވެސް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް