ކެނދިކުޅުދޫ ޖޫނިއާ ކޮލެޖާއި، ތުލުސްދޫ ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށް ބަޔަކު ކުރިމަތިލާފައިވޭ: ހަޔާ އެޑިޔުކޭޝަން މިނިސްޓަރ

ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ތުލުސްދޫ ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެ މަސައްކަތަށް ބަޔަކު ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖ...

10 Feb 2022 | 09:13

ކެނދިކުޅުދޫ ޖޫނިއަރ ކޮލެޖާއި، ތުލުސްދޫ ޕޮލިޓެކްނިކް ޢިމާރާތް ކުރުމަށް ހުޅުވާލި ފުރުސަތުގައި އެ މަސައްކަތަށް ބަޔަކު ކުރިމަތިލާފައިވާ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަަކަ ދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އަތޮޅު ތެރޭގައި ޓެކްނިކަލް ވޮކޭޝަން ތައާރަފްކުރުމަށް ރާއްޖޭގެ ބައެއް ރަށްރަށުގައި ޖޫނިއާ ކޮލެޖް ތަކާއި ޕޮލިޓެކްނިކް ސެންޓަރުތަކާއި ޓިވެޓް ސެންޓަރުތައް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ކެނދިކުޅުދޫގައި ޖޫނިއަރ ކޮލެޖާއި، ތުލުސްދޫގެ ޕޮލިޓެކްނިކް ޢިމާރާތް ކުރުމުގެ މަސައްކަތަށް ބަޔަކު ކުރިމަތިލާފައިވާ ކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ނަމަވެސް ފުވައްމުލަކުގައި ޖޫނިއާ ކޮލެޖެއް އަޅަން ހުޅުވާލިފުރުސަތުގައި އެކަމަށް ކުރިމަތިލި ފަރާތްތަކުގެ ހުށައެޅުން ޓެންޑަރ ބޯޑް މިންގަނޑުތަކަށް ނުފެތޭކަމަށާއި އެހެންކަމުން އެ ބިޑްތައް ބާތިލް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ރަށްރަށުގައި ސަރުކާރުން ގާއިމްކުރާ ޖޫނިއަރ ކޮލެޖް ތަކާއި ޓިވެޓް ސެންޓަރުތަކުން ދަރިވަރުން ކިޔަވާ މަންޒަރު 2023 ވަނަ އަހަރުގެ ކުރީކޮޅު ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުގައި ދިއްދޫގައި ޖޫނިއާ ކޮލެޖެއް އަލިފުށީގައި ޓިވެޓް ސެންޓަރެއް އެޅުމުގެ މަސައްކަތް ވާނީ ފަށާފައި ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި އުންމީދަކީ އެ  ސެންޓަރުތަކަށް ދަރިވަރުން ވަދެ ކިޔަވަމުންދާ މަންޒަރު 2023 ވަނަ އަހަރުގެ ކުރީކޮޅުފެނުން ކަމުގައި ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް