ދޫނިތައް މަރާލި މައްސަލައިގާ ރައްޔިތުންގެ އިހުސާސްތައް ބަލައިގަނެ އެކަމާ ހިތާމަކުރާކަމުގައި ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ "ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު" އާއި ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ފަސް ޝިޕްމަންޓެއްގައި ހިމެނޭ ދޫނިތަކެއް އެ މިނިސްޓްރީގެ ދަށުން ހިންގާ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ސާރވިސްއިން 8 ފެބްރުއަރީ 2022 ގައި ނައްތާލުމާއި ގުޅިގެން، ރައްޔިތުން ފާޅު ކުރައްވަމުން ގެންދަވާ ކަންބޮޑުވުންތަކާއި އިޙްޞާސްތަކާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖެއަށް އެތެރެކުރާ ދިރޭ ޖަނަވާރާއި ގަސްގަހާގެހި އިންސްޕެކްޓްކޮށް ކަރަންޓީންކުރުމަކީ، ދިވެހިރާއްޖޭގެ ޤާނޫނީ އިޖުރާޢަތްތަކާއި ބައިނަލް ޢަޤްވާމީ މުޢާޙަދާއާއި އެއްގޮތަށް މި މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމްކުރާ އަސާސީ ޚިދުމަތެއް ކަމށާއި މިގޮތުން، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި، ނައްތާލަންޖެހޭ ޙާލަތްތަކުގައި، ޤާނޫނާއި ޤަވާއިދާއި އެއްގޮތައް ނައްތާލަމުން އައިސްފައިވާކަން ފާހަގަ ކުރާކަމަށެވެ.
" ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލު ރިޕޯޓެއް އެކުލަވާލުމަށް ރައީސުލް ޖުމްހޫރިއްޔާ ވަނީ އެންގަވާފައި، އެ ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް މިދަނީ ކުރަމުން، މިރިޕޯޓަކީ، ލިބެންހުރި ލިޔެކިޔުމާއި މައުލޫމާތުގެ މައްޗަށް ބިނާކޮށް، ކަންހިނގިގޮތުގެ ޙަޤީޤަތް ދެނެގަނެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން އެކުލަވާލާ ރިޕޯޓެއް" މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނެފައިވަނީ ދިރޭތަކެތަކެއްޗަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދެވޭކަމާއި، ރައްޔިތުންގެ އާއްމު ޞިއްޙަތު ރައްކާތެރި ކުރެވޭކަން ކަށަވަރު ކުރުމާއިއެކު، ޕްލާންޓް އެންޑް އެނިމަލް ކަރަންޓީން ޚިދުމަތް ދިވެހިރާއްޖޭގައި އިތުރަށް ފުޅާކޮށް ހަރުދަނާކުރުމަށްޓަކައި، ޤާނޫނާއި ޤަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް، ކަމާބެހޭ މަސްލަޙަތު ވެރިންގެ ލަފަޔާއި އިރުޝާދާއިއެކު ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް މިފުރުޞަތުގައި އަރުވާކަމަށާއި އަދި މިކަމާއި ގުޅިގެން ޤާނޫނާއި ޤަވާއިދާއި ޚިލާފަށް އަމަލުކޮށްފައިވާ އެންމެހާ ފަރާތްތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
މިފަދަ ކަންކަން މުސްތަޤްބަލުގައި ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދިވެހިރާއްޖެއަށް ދޫންޏާއި ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުން ކަމަށްވާތީ، ރާއްޖެއަށް ދިރޭތަކެތި އެތެރެކުރާ ފަރާތްތަކުން، އެކަންކަމަށް ކަނޑައަޅާފައިވާ ޤާނޫނީ އިޖުރާޢަތްތަކާއި އެއްގޮތަށް އަމަލުކުރަމުން ގެންދިއުމަށް އިލްތިމާސްކުރާކަމަށްެވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް