ސަރޮގޭޓް ކުރުމާއި މަންމައަކު ނެތުމުން ދަރިފުޅު ބޮޑުވުމުން ސުވާލު ކުރާނެކަން އެނގޭ: ތުޝާރު

ބޮލީވުޑް ތަރިންގެ ތެރެއިން ސަރޮގޭޓް ކޮށްގެން ދަރިން ހޯދި ފުރަތަމަ ގްރޫޕުގެ ތެރޭގައި ތުޝާރު ކަޕޫރު ހިމެނެ އެވެ. އޭނާ ސަރޮގޭޓް ކޮށްގެން ހޯދި ލަކްޝްޔާއަށް މިހާރު ހަ އަހަރަވެ. ސަރޮގޭޓް ކޮށްގެން ދަރިއަކު ހ...

10 Feb 2022 | 03:00

ބޮލީވުޑް ތަރިންގެ ތެރެއިން ސަރޮގޭޓް ކޮށްގެން ދަރިން ހޯދި ފުރަތަމަ ގްރޫޕުގެ ތެރޭގައި ތުޝާރު ކަޕޫރު ހިމެނެ އެވެ.

އޭނާ ސަރޮގޭޓް ކޮށްގެން ހޯދި ލަކްޝްޔާއަށް މިހާރު ހަ އަހަރަވެ. ސަރޮގޭޓް ކޮށްގެން ދަރިއަކު ހޯދި ކަމާއި ދުވަހަކުވެސް ކައިވެންޏެއް ކުރަން ބޭނުން ނުވާކަން އޭރު ދަރިފުޅު ލިބުމާއި އެކު އޭނާ އިއުލާނު ކުރި އެވެ.

އޭގެ ފަހުންވެސް އެތައް އިންޓަވިއުއެއްގައި އެފަދަ ސުވާލުތައް އޭނާއަށް އަމާޒުވާއިރު މިފަހަރު އަމާޒުވި ސުވާލަކީ ދަރިފުޅަށް އޭނާގެ މަންމަ ނެތީ ކީއްވެތޯ ބުނެދޭނަން ތޯއެވެ. އަދި އޭނާއަށް އެއްވެސް ކަމެއް ސިއްރު ކުރުމުގެ ވިސްނުން ތުޝާރު ގެންގުޅެންތޯއެވެ.

އޭގެ ޖަވާބުގައި ތުޝާރު ބުނީ އާއިލާގައި އުޅޭ މީހުންގެ މައުލޫމާތު ލަކްޝްޔާއަށް މިހާރުވެސް އެނގޭނެ ކަމަށެވެ. އަދި އޭނާ އަކީ މަންމަ ހުންނަ ކުއްޖެއް ނޫން ކަމާއި އެ ދަރިފުޅުގެ މަންމަ އާއި ބައްޕައަކީވެސް އޭނާކަން ބުނެދީފައިވާނެ ކަމަށް ތުޝާރު ބުންޏެވެ.

ތުޝާރު ބުނީ މިއައްވުރެ ބޮޑުވެ އަމިއްލައަށް ކަންކަން ވިސްނޭވަރުވުމުން އޭނާ ސަރޮގޭޓް ކުރަން ނިންމި ސަބަބާއި ގުޅޭގޮތުން ވަރަށް ހުޅުވާލައިގެން ލަކްޝްޔާއަށް ވާހަކަތައް ކިޔައިދޭން އޭނާ ހުރީ ތައްޔާރަށް ކަމަށެވެ. އަދި ކޮންމެ އާއިލާއެއްގައިވެސް އަމިއްލަ ވަންތަކަމެއް ހުންނާނެ ކަމަށާއި އެކަންކަމަށް އިހުތިރާމް ކުރަން ޖެހޭނެ ކަން އޭނާއަށް ބުނެދޭނެ ކަމަށް ބުންޏެވެ.

ތުޝާރު ބުނީ އޭނާ ދައްކާ ހުރިހާ ވާހަކައެއް ލަކްޝްޔާ ގަބޫލު ކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ތުޝާރު ބުނީ އޭނާ ސަރޮގޭޓް ކުރަން ނިންމި ނިންމުމަށް ފުރަތަމަ މަންމަ އާއި ބައްޕަ އެހާ ގަޔާ ނުވި ކަމަށެވެ. އެކަމަކު ލަކްޝްޔާ ގެއަށް ގެންދިއުމުން އެކަން ބަދަލުވެ މިހާރު އެ ދެބަފައިން އާއިލާއިން ބަލައިގެންފަވާ ކަމަށެވެ.

ތުޝާރު ބުނީ އޭގެ ފަހުން އޭނާގެ ނިންމުމާއި ގުޅޭގޮތުން ހިތް ނުރުހޭ ކަހަލަ ސުވާލެއް އެއްވެސް މީހަކު ކޮށްފައި ނުވާ ކަމަށެވެ.

ސަރުގޭޓްކޮށްގެން ދަރިއަކު ހޯދި ގޮތުގެ ދަތުރުގެ ވާހަކަ ހިމެނޭ ފޮތެއް ތުޝާރު ވަނީ ނެރެފަ އެވެ. "ބެޗެލާ ޑޭޑް" ގެ ނަމުގައި ނެރުނު މި ފޮތުން ހަނދާންތައް އާކޮށްދޭ ކަމަށް ބުންޏެވެ.

ސަރޮގޭޓްކޮށްގެން ދަރިން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރޭގައި ޕްރިޔަންކާ ޗޯޕްރާ، ޝަހްރުކް ހާން، ޝިލްޕާ ޝެޓީ އަދި ކަރަން ޖޯހަރު ފަދަ މީހުން ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް