ޑްރަގް ޓްރެފިކިންގ މައްސަލައެއްގައި ހެއްކަށް ނޫފޫޒު ފޯރުވާފައެއް ނުވާނެ: އެންސިސް

ޑްރަގް ޓްރެފިކިންގ މައްސަލައެއްގައި ހެއްކަށް ނޫފޫޒު ފޯރުވާފައެއް ނުވާނެ ކަމަށް އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ. 9 ފެބްރުވަރީ 2022 ގައި މިހާރު ނޫހުގައި ޝާއިއު ކޮށްފައިވާ ލިޔުމާއި ހަވ...

09 Feb 2022 | 19:56

ޑްރަގް ޓްރެފިކިންގ މައްސަލައެއްގައި ހެއްކަށް ނޫފޫޒު ފޯރުވާފައެއް ނުވާނެ ކަމަށް އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

9 ފެބްރުވަރީ 2022 ގައި މިހާރު ނޫހުގައި ޝާއިއު ކޮށްފައިވާ ލިޔުމާއި ހަވާލާދީ އެ ކުންފުނިން ބުނީ އެ މައްސަލައަކީ ޖޫން 2020 ވަނަ އަހަރު ހިނގާފައިވާ މައްސަލައެއް ކަމަށެވެ.

ޝަރީއަތުގައި ހެކިންގެ ގޮތުގައި ކަނޑައަޅާފައިވާ ދެމުވައްޒަފުން، މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ރާއްޖޭއިން ބޭރަށް ފުރުވާލިކަމަށް މި ކުންފުނީގެ މައްޗަށް މިހާރު ނޫހުގެ ލިޔުމުގައި ތުހުމަތު ކުރެވިފައިވާތީ އެންސިސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހެކިންގެ ތެރެއިން އެއްމުވައްޒަފަކު، އަމިއްލައަށް ވަޒީފާއިން ވަކިވާން އެދުމުން، 2021 ސެޕްޓެމްބަރު ގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ދެވަނަ މުވައްޒަފު އަހަރީ ޗުއްޓީއަށް އަމިއްލަ ޤައުމަށް ދިއުމަށްފަހު، އެނބުރި ރާއްޖެ އަންނަން އޮތް ދުވަހަށް ނައުމުގެ ސަބަބުން، ޑިސެމްބަރ 2021 ގައި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

މި ދެމުވައްޒަފުން ރާއްޖޭގައި ބޭތިއްބުމަށް އެއްވެސް ރަސްމީ އިދާރާއަކުން އެ ކުންފުންޏަށް އަންގާފައެއް ނުވާ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އެ މައްސަލާގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް، އެ މުވައްސަސާއިން އެދިލެއްވި އެންމެހާ ކަންކަމުގައި އެކުންފުނިން ފުރިހަމައަށް އެއްބާރުލުން ދީފައިވާނެ ކަމަށާއި އެ މައްސަލައިގައި ހެކިބަސްދޭން ހެކިވެރިންގެ ގޮތުގައި ހާޒިރުވުމަށް އަންގާފައިވާ އެއްވެސް މުވައްޒަފެއްގެ މައްޗަށް އެއްވެސް ކަހަލަ ނުފޫޒެއް ފޯރުވުމުގެ އެއްވެސް އަމަލެއް ހިންގާފައެއް ނުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއވެެ. އަދި ކުރިއަށް އޮތްތަނުގައި ވެސް މިމައްސަލާގައި ތަހުޤީޤީ އިދާރާތަކަށް ފުރިހަމަ އެއްބާރުލުން އެންސިސް ފިޝަރީޒްގެ ފަރާތުން ދެމުން ގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން ވެސް ވަނީ އަރުވާފައެވެ.

އެންސިސް އިން ބުނީ އެ މައްސަލައަކީ، ކުންފުނީގައި އުޅުނު މުވައްޒަފަކަށް ރައްދުވާ މައްސަލައެއް ކަމުގައިވި ނަމަވެސް، އެއީ މިކުންފުންޏާ އެއްވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ.

އެހެންނަމަވެސް މިހާރު ނޫހުގެ ލިޔުމުގައި، އަދި އެލިޔުމުގެ މައި ސުރުޚީގައި އެކުންފުނީގެ ނަން ބޭނުންކޮށްފައިވަނީ ކުންފުނީގެ އަގުވެއްޓި އަދި ކުންފުނީގައި މަސައްކަތްކުރާ 700 އަށްވުރެ ގިނަ މުވައްޒަފުންގެ ކަރާމާތަށް ގެއްލުންވާނޭ ފަދައިންކަން އެންސިސްގެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި މިހާރު ނޫހުގައި މި ލިޔުން ޝާއިއު ކުރުމުގެ ކުރިން އެ ކުންފުނީގެ ބަހަކަށް މިހާރު ނޫހުން އެދިފައިނުވުމަކީ އެކުންފުނިން ވަރަށް ހިތާމަ ކުރާކަމެއް ކަމަށް ވެސް ބުނެފައިވެއެވެ.

މިފަދަ ޤާނޫނާ ޚިލާފު އެއްވެސް ކަމަކީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއްނޫން ކަމަށާއި މިފަދަ ކަންކަމުގައި އެކުންފުނިން ބައިވެރިނުވާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އެންމެހާ ދިވެހިރައްޔިތުންނަށް އަރުވާ ކަމަށް ވެސް އެންސިސްގެ ބަޔާނުގައި ބުނެފައިވެއެވެ.

މިހާރު ނޫހުގައި ލިޔެފައިވާ ލިޔުން https://mihaaru.com/news/104279

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް