އެމްއެންޑީއެފުން ރަސްގެތީމުގައި ކޮމިއުނިޓީ އެވެއަރނެސް ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ އިން، ރ.ރަސްގެތީމުގައި ކޮމިޔުނިޓީ އެވެއަރނަސް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ. ރ.ރަސްގެތީމުގެ ސްކޫލު ދަރިވަރުންނާއި، ސްކޫލުގެ މުވައްޒަފުން އަދި އެރަށު ސްކޫލުގެ ބެލެނިވެރި...

10 Feb 2017 | 11:27

އެމްއެންޑީއެފް ނޮދަން އޭރިއާ އިން، ރ.ރަސްގެތީމުގައި ކޮމިޔުނިޓީ އެވެއަރނަސް ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

ރ.ރަސްގެތީމުގެ ސްކޫލު ދަރިވަރުންނާއި، ސްކޫލުގެ މުވައްޒަފުން އަދި އެރަށު ސްކޫލުގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ޞިއްޙީ ފުރަތަމައެހީ ދިނުމާ ގުޅޭގޮތުންނާއި، އަލިފާނުގެ ހާދިސާތަކުން ހޭލުންތެރިކުރުވުމުގެ އިތުރުން ފަތަން ދަސްކޮށްދޭ ކުލާސްތަކާއި، ލީޑަރޝިޕް އެންޑް ފޮލޯވަރޝިޕް ޕްރޮގްރާމަކާއި، ހަށިހެޔޮކަން އިތުރުކުރުމުގެ ގޮތުން ބައެއް ހަރަކާތްތައް ދަނީ ކުރިއަށްގެންދަމުން ކަމަށާއި އަދި މީގެ އިތުރުން، ރަށުގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރުބަވީ ދަރިފަސްކޮޅެއް ބިނާކުރުމުގެ މުހިންމުކަމުގެ މައްޗަށް ތަޤްރީރެއް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފައި ކަމުގައި އެމްއެންޑީއެފުން ހާމަކުރެ އެވެ.

މިގޮތުން، މިއަދު ހެނދުނު ފެށި ޞިއްޙީ ފުރަތަމައެހީ ދިނުމުގެ ޕްރޮގްރާމްގައި، ޞިއްޙީ ފުރަތަމައެހީ ދިނުމުގައި އަމަލުކުރާނެ ގޮތްތަކާއި، ކުއްލި ހާލަތެއްގައި ޞިއްޙީ ފުރަތަމައެހީ ދޭނެ ގޮތް ދަނީ ކިޔައިދެމުން ކަމަށާއި ރަސްގެތީމު ސްކޫލު ދަރިވަރުންނާއި، ޓީޗަރުންގެ އިތުރުން ސްކޫލު ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ކުލާސްތަކުގައި ތިއަރީ ބައިގެ އިތުރުން ޕްރެކްޓިކަލް ބައިތައްވެސް ކުރިއަށްގެންދާ ކަމުގައި އެމްއެންޑީއެފުން ބުނެ އެވެ.

އަދި، އަލިފާނުގެ ހާދިސާތަކަށް ހޭލުންތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ސެޝަންތަކުގައި، އަލިފާނުގެ ހާދިސާތައް ދިމާވާން މެދުވެރިވާ ސަބަބުތަކާއި، ދިމާވެދާނެ އަލިފާނުގެ ހާދިސާތަކުގައި ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ކިޔައިދިނުމަށް ވަނީ ހަމަޖެހިފައި ކަމަށާއި އަލިފާން ނިއްވަން ބޭނުންކުރާ ބައެއް އާލާތްތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެގޮތްތައް އަމަލީގޮތުން އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައިކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން ބުނީ ރަސްގެތީމް ސްކޫލުގެ ގުރޭޑު 7 އިން ފެށިގެން މަތީގެ ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގުމަށް ނިންމާފައިވާ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި، ފެތުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ކިކް ޖަހާނެ ގޮތާއި ފްލޯޓް ކުރާނެ ގޮތާއި މޫދުގައި އުޅޭއިރު ސަމާލުކަން ދޭންވީ ކަންކަން ދަސްކޮށްދިނުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި ރ.ރަސްގެތީމުގައި ސިފައިން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ މަޤްޞަދަކީ، އިޖުތިމާޢީ ޒިންމާގެ ދަށުން އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން އެފަރާތްތައް ހޭލުންތެރިކުރުވުމާއި، ސިފައިންނާއި ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމުގައިވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ ރ.ރަސްގެތީމު ކައުންސިލް އިދާރާ އާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގައި، ކިޔަވައިދޭނީ އެމްއެންޑީއެފް ނޮދަން އޭރިއާގައި ތިބި، ތަޖުރިބާކާރު ސިފައިން ކަމަށާއި އަދި ތަރުބަވީ ދަރިފަސްކޮޅެއް ބިނާކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ތަޤްރީރުގައި މަޢުލޫމާތު ދެއްވާނީ އެމްއެންޑީއެފްގެ ކެޕްޓަން ޢަބްދުލްމަޖީދު އިބްރާހީމް  ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް