ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އާ އޮފީސް ހުޅުވައިފި އެވެ.
ހ. ހުރަފައިގައި ހަދާފާއިވާ މި އޮފީސް ރަސްމީކޮށް މިރޭ ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނާއި މެޑަމް ފާތްމަތު އިބްރާހީމެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ޕާޓީގެ ފިކުރަކީ ނުވަތަ ފިކުރާ އެއްގޮތަށް އެކުލަވާލާފައިވާ އަސާސީ ގަވާއިދަކީ އެންމެ މީހެއްގެ ސިކުނޑިން ކޮށްފައިވާ މަސައްކަތެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ޕީޕީއެމް ފިކުރުގެ ތެރެއިން ފެންނަނީ ތަހުޒީބާއި، މުޖުތަމައުގައި އަޅާނުލެވި ތިބި، ގިންތިތަކަށް ހައްގުތައް ހޯދައިދޭން ކުރާ މަސައްކަތް ބޭފުޅުން ކަމަށެވެ.
ރައީސް ވިދާޅުވީ، ކުރީގެ ޕީޕީއެމްގެ އޮފީހަކީ އެ ޕާޓީގެ އާއްމު މެމްބަރުންނާ ވަރަށް ބީރައްޓެހި ތަނެއް ކަމަށެވެ. އެކަމަކު މިރޭ ހުޅުވުނު އާ އޮފީހަކީ އާއްމު މެމްބަރުންނާ ރައްޓެހި، އެ މެމްބަރުންނަށް ޕާޓީއާ ވީހާ ވެސް ގާތުން މަސައްކަތް ކުރެވޭނެ ތަނެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އަދި ކޮންމެ ވަގުތެއްގައިވެސް މިހާރު ޕާޓީއަށް ވަނުމަށް ފޯމް ހުށަހެޅޭނެ ކަމަށް ވިދާޅުވި އެވެ. މިފަހަކަށް އައިސް ގިނަ އަދަދެއްގެ އާންމުން ދަނީ ޕީޕިއެމްއާއި ގުޅެމުންނެވެ.
ޕީޕީއެމްއިން އާ އޮފީހެއް ހުޅުވާފައިވަނީ ކުރީގެ ޕީޕީއެމް އޮފީސް ހ. ތެމާ ހުންނަ ބޮޑުތަކުރުފާނު މަގުގައި އެވެ. އާ އޮފީހެއް ހުޅުވާފައި މިވަނީ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި މުސްތަޝާރު ރައީސް ޔާމީނާއި ދެމެދު އުފެދުނު ހިޔާލުތަފާތުވުން ހައްލު ނުކުރެވިގެން ނެވެ. އަދި ސިވިލް ކޯޓުން ރައީސް ޔާމީނާއި ޕާޓީ ހިންގުން ހަވާލު ކުރުމުން ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ތެމާގައި ހުރި ޕީޕީއެމްގެ ހުރިހާ ލިޔެކިޔުންތަކާއި ތަކެތި ގެންގޮސްފައި އެވެ.
ރައީސް ވިދާޅުވީ މިރޭ ހުޅުވުނު އޮފީހަކީ ޖާގައިގެ ގޮތުން ތަނަވަސް ހުރިހާ ލިޔެކިޔުންތަކެއް ބެހެއްޓޭނެ ވަރުގެ އޮފީހެއް ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ. އާންމުން ބައިވެރިވީ ވަރަށް މަދުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް