ރައީސް އާއި ކުރީގެ ރައީސްގެ ބަހުގެ ހަމަލާތައް ކުރިޔަށް، ނަޝީދުގެ ކުށަކީ ހުދުމުހުތާރުވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކުށަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއް ކަމަށް ވަކާލާތު ކުރައްވައި ވެރިކަމަށް ވަޑައިގެން ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތަކަކީ އޮތް އެއްޗެއްކަން ނުބައްލަވައި ހުދުމުހުތާރ...

09 Feb 2017 | 19:55

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކުށަކީ ޑިމޮކްރަސީގެ ޗެމްޕިއަނެއް ކަމަށް ވަކާލާތު ކުރައްވައި ވެރިކަމަށް ވަޑައިގެން ޑިމޮކްރަސީ އާއި ރައްޔިތުންގެ ހައްގުތަކަކީ އޮތް އެއްޗެއްކަން ނުބައްލަވައި ހުދުމުހުތާރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިރޭ ޕީޕިއެމްގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިހެން ވިދާޅުވީ މިއަދު ސްރީލަންކާގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީނާށް ރައްޔިތުންގެ ތާއީދު ނެތުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ވާހަކަުޅުދައްކަވަމުންނެވެ. ރައީސް ނަޝީދު ވިދާޅުވީ އަމިއްލަފުޅު ޕާޓީންވެސް ރައީސް ޔާމީނަށް ތާއީދު ނެތުމަކީ އެމަނިކުފާނުގެ ކުށެއް ނޫން ކަމަށާއި ދެން އިންތިހާބެއްގައި ވާދަ ކުރިޔަސް ވަރަށް ސާދާކޮށް ބަލި ކުރައްވާނެ ކަމަށެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ  ޑިމޮކްރަސީ އަށް ވަކާލާތު ކުރައްވާފައި ވެރިކަމަށް ވަޑައިގެން ނަޝީދު މަސައްކަތްޕުޅު ކުރެއްވީ މަގުމައްޗަށް މީހުން ނެރެގެން ރާއްޖެ ހަލަބޮލިކޮށް، ތަންތަން ހަލާކު ކުރަން ކަމަށެވެ. އަދި ސިޔާސީ މީހުން ހައްޔަރު ކުރުމަށް ފަހު، އެންމެ ފަހުން އަދުލު އިންސާފު ގާއިމްކުރަން ހުންނެވި ފަނޑިޔާރެއް ވެސް ހައްޔަރު ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގެ ތިން އަހަރަކީ ފަނާކުރުވަނިވި ތިން އަހަރު ކަމަށެވެ. ރައްޔިތުންގެ ތާއީދު އޮތުމަކީ އެ މަނިކުފާނުގެ ކުށެއް ނޫން ކަމަށް ނަޝީދު ވިދާޅުވާ ވާހަކަފުޅަކީ ތެދުފުޅަކަށް ވެދާނެ ކަމަށާއި އެއަށް ވުރެ، ނަޝީދުގެ ކުށް މާ ބޮޑު ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެންމެ ވަރުގަދަ އަށް ޑިމޮކްރަސީގެ ވާހަކަ ދައްކަވާ ޗެމްޕިއަނުންނަކީ މަގާމަށް އާދެވެން ދެން އެންމެ ވަރުގަދަ އަށް ޑިމޮކްރަސީގެ ވާހަކަ ދައްކާ މީހުން. އެއީ ދުނިޔޭގެ ކަންތައްތައް ހިނގާ ގޮތް. އެކަމަކު، މަގާމަށް އާދެވުމާ އެކު ޑިމޮކްރަސީ ކަތިލައި ރަހުމް ކުޑަ ގޮތަށް، ޑިމޮކްރަސީ އަކީ އަދި ރައްޔިތުންގެ ހައްގަކީ އޮތް އެއްޗެއްކަން ނުދަންނަ މީހަކު ވެރިކަމުގައި ހުރެގެން އެއީ ޑިމޮކްރެޓިކް ގޮތަށް މަސައްކަތް ކުރާ ހުދުމުހުތާރު މީހަކީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް އޭރު ނުކުންނަން ޖެހުނީ ދެން ކެތް ނުކުރެވިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް