ސިޔާސީ މުވައްޒަފުންވެސް ގަޑިޖެހުމުން ލާރި ކެނޑޭގޮތަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ހަމަޖައްސައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސެވުމާ ގުޅިގެން 2012 ޖުލައި 1 ގައި ޢަމަލުކުރަން ފަށާފައިވާ "ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުން ޢަމަލުކުރަންޖެހޭ އުސޫލު" އަށް އިސްލާހު ގެންނަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މުވައްޒަފު ހާޒިރުވާންޖެހޭ ގަޑިއަށްވުރެ ލަސްވެގެން ހާޒިރުވެއްޖެނަމަ ސިޔާސީ މުވައްޒަފުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާ މުވައްޒަފުން އަމަލުކުރަންޖެހޭ އުސޫލުގެ (ރ) ގައިވާ ގޮތުގެމަތިން ގަޑީލާރި ކެނޑޭނެ ކަމަށެވެ. އަދި ރޯދަ މަސް ފިޔަވައި އެހެން މަސްމަހު ރަސްމީ ދުވަސްދުވަހު ހެނދުނު 8:31 ހިނގުމަށްފަހު ހާޒިރުވެއްޖެނަމަ ގަޑީލާރި ކެނޑޭނެ ކަމަށާއި ރޯދަ މަހު ގަޑީލާރި ކެނޑޭނީ ހެނދުނު 9:31 ހިނގުމަށްފަހު އޮފީހަށް ހާޒިރުވެއްޖެނަމަ ކަމަށް ވެސް އިސްލާހު ކުރެއްވި އުސޫލުގައި ބުނެފައިވެ އެވެ.
އިސްލާހު ކުރި އުސޫލުގައި ބުނެފައި ވަނީ އޮފީހުން އަންގައިގެން އޮފީހުގެ މަސައްކަތެއްގައި އޮފީހުން ބޭރުގައި އުޅުމުގެ ސަބަބުން މުވައްޒަފަށް ގަޑިއަށް އޮފީހަށް ހާޒިރުވެ ހާޒިރީ ރެކޯޑު ނުކުރެވިއްޖެނަމަ، އެ މަސައްކަތެއް ނިމިގެން އޮފީހަށް ހާޒިރުވެ މުވައްޒަފުންގެ ކަންތައްތައް ބަލަހައްޓާ ސެކްޝަނުގައި ހާޒިރީ ބަލަހައްޓާ މުވައްޒަފަކަށް އެކަން އަންގައި ހާޒިރުވި ގަޑި ރެކޯޑުކުރަން ވާނެ ކަމަށެވެ. އަދި ގަޑިއަށް އޮފީހަށް ނާދެވުނު ސަބަބުވެސް ރެކޯޑުކޮށްފައި އޮންނަންވާނެ ކަމަށާއި އެފަދަ ޙާލަތެއްގައި މުވައްޒަފު ގަޑިއެއް ނުޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފަވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް