ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ބަންދުގެ މުއްދަު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
ނާޒިމްގެ ކޮޓަރިން ހަތިޔާރުތަކެއް ފެނުނު މައްސަލާގައި ތަހުގީގު ނިންމައި ދައުވާ ކުރަން ޕީޖީ އޮފީހަށް އިއްޔެ ފޮނުވާފައިވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އޭނާ ރޭ ދަންވަރު ހައްޔަރުކުރީ ދައުލަތާ އިދިކޮޅު ހަރަކާތެއް ހިންގަން އުޅުމުގެ ތުހުމަތުގައި ކަމަށް، ނާޒިމްގެ ވަކީލު މައުމޫން ހަމީދު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި، ތިން ވަޒަންގެ އިތުރުން ގޮއްވާލަން ބޭނުންކުރާ އާލާތެއް ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މައްސަލާގައި މިދިޔަ މަހުގެ 20 ގައި ނާޒިމް މިނިސްޓަރު ކަމުން ވަކިކުރި އެވެ.
ނާޒިމްގެ ކޮޓަރިން ފުލުހުން ނެގި ހަތިޔާރާއި އެހެން ތަކެއްޗަކީ އޭނާ އާއި އޭނާގެ އާއިލާގެ ތަކެއްޗެއް ނޫން ކަމަށާއި އެތަކެތި ހުރިކަން ވެސް އާއިލާއަށް ނޭނގޭ ކަމަށް ނާޒިމްގެ ގާނޫނީ ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް