މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބު 17 މާރިޗު 2024 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އެ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު 1445 ވަނަ އަހަރުގެ ރަމަޟާން މަހާ ދިމާވާތީއާއި، ރަމަޟާން މަހުގެ ފަހުގެ ތާރީހެއްގައި އިންތިހާބު ބޭއްވުމަށް އިދާރީ ބޮޑު ހުރަސްތަކެއް ކުރިމަތިވާ ކަމަށެވެ.
އަދި، ތައުލީމާއި ބެހޭ ވުޒާރާއިން އިސްލާހުކޮށް އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައި ވާގޮތުން، އީދު ބަންދަށްފަހު ފެށޭ ހަފްތާއަކީ ސްކޫލްތަކުގެ އިމްތިހާނު ދުވަސްތަކަށް ވާތީ، ސްކޫލްތައް ލިބުން ދަތިވެ، ވޯޓުލާ މަރުކަޒުތައް ޤާއިމްކުރުމަށްޓަކައި އެކަށީގެންވާ ތަންތަން ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ އިންތިހާބު ބާއްވާނެ ދުވަހަކީ 17 މާރިޗު ކަމުގައި ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް