އިކުއެޑޯގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކު ޖަލުން ފިލައިގެން ދިއުމުން ކުއްލި ނުރައްކަލުގެ ހާލަތާއި ކާފިއު އިއުލާނުކޮށްފިއެވެ.
އިކުއެޑޯގައި "ވަރަށް ނުރައްކާތެރި" މަސްތުވާތަކެތީގެ ވިޔަފާރިވެރިއަކު ފިލައިގެން ދިއުމާއި ގުޅިގެން އެތަނުގެ ބައެއް ޖަލުތަކުގައި ހަމަނުޖެހުންތައް އަންނަނީ ހިންގަމުންނެވެ.
މިދިޔަ ނޮވެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ޑެނިއަލް ނޯބޯއާ ވަނީ އިކުއެޑޯގެ މަގުތަކާއި ޖަލުތަކުގައި 60 ދުވަހުގެ މުއްދަތަށް ސިފައިން ހަރަކާތްތެރިވުމަށް އަންގާފައެވެ.
އަދި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:00 އިން ފަތިހު 5:00 އަށް ކާފިއު ހިންގާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ނޮބޯއާ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން ސިފައިންގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ހުރިހާ ސިޔާސީ އަދި ގާނޫނީ އެއްބާރުލުމެއް ލިބިގެންދާނެ ކަމަށެވެ.
ނޯބޯއާ ވިދާޅުވީ އިކުއެޑޯގެ ހުރިހާ ރައްޔިތުންނަށް ސުލްހަ އަނބުރާ ލިބެންދެން ޓެރަރިސްޓުންނާ އެކު މަޝްވަރާވެސް ނުކުރާނެ ކަމަށާއި އަރާމުވެސް ނުކުރާނެ ކަމަށެވެ.
މިދިޔަ އާދީއްތަ ދުވަހު ލޮސް ޗޮނެރޯސް ގޭންގުގެ ލީޑަރު ފިޓޯ ފިލާފައިވާކަން އެނގުނީ ޕޯޓު ސިޓީއެއް ކަމަށްވާ ގުއާކިލްގެ ޖަލެއްގެ އިންސްޕެކްޝަނެއް ކުރިއަށް ދަނިކޮށެވެ.
ރައީސްގެ ތަރުޖަމާނު ރޮބާޓޯ އިޒުރިއޭޓާ ވިދާޅުވީ، އޭނާގެ ޖަލު ގޮޅީގައި ތިބި ގައިދީންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައިފައިވާ ކަމަށް ބުނާ އުމުރުން 44 އަހަރުގެ ފިޓޯ ފިލާފައިވަނީ ފުލުހުން އައުމުގެ ކުޑަ އިރުކޮޅެއް ކުރިން ކަމަށް ބެލެވޭ ކަމަށެވެ.
"މި ނުރައްކާތެރި މީހާ ހޯދުމަށް ދައުލަތުގެ ފުރިހަމަ ބާރު ދަނީ ހަރަކާތްތެރިވަމުން." ޖަލުތަކުގެ ނިޒާމު ފެއިލްވެފައިވާކަން ފާހަގަކުރައްވާ އިޒުރިއޭޓާ ވިދާޅުވިއެވެ.
ފިޓޯ ފިލައިގެން ދިއުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ޖަލުގެ ދެ އޮފިސަރެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށް ޕްރޮސެކިއުޓާ އޮފީހުން މައުލޫމާތުދެއެވެ.
ފިޓޯ އަކީ 2011 ވަނަ އަހަރުން ފެށިގެން އޯގަނައިޒްޑް ކްރައިމް، މަސްތުވާތަކެތީގެ ވިޔަފާރި އަދި މީހުން މެރުމުގެ ކުށް ސާބިތުވެ 34 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ މީހެކެވެ.
މިއީ އޭނާ ޖަލުން ފިލި ދެވަނަ ފަހަރެވެ. 2013 ވަނަ އަހަރުވެސް އޭނާ ޖަލުން ފިލި އިރު، އޭނާ ހޯދުނީ ތިން މަސް ފަހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް