ޖަޕާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 161 އަށް އަރައިފި

ޖަޕާނަށް އާ އަހަރުގެ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 161 އަށް އަރައިފިއެވެ. 100 އަށް ވުރެ ގިނަ މީހުން އަދިވެސް ގެއްލިފައިވާއިރު އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތ...

10 Jan 2024 | 05:21

ޖަޕާނަށް އާ އަހަރުގެ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 161 އަށް އަރައިފިއެވެ.

100 އަށް ވުރެ ގިނަ މީހުން އަދިވެސް ގެއްލިފައިވާއިރު އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް ސްނޯގެ ސަބަބުން ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ.

ޖެނުއަރީ 1 ވަނަ ދުވަހު 7.6 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގައި ސަލާމަތްވި މީހުން ހޯދުމުގެ އުއްމީދުގައި އެތައް ހާސް ސިފައިންނާއި އަލިފާން ނިއްވާ މީހުންނާއި ފުލުހުން އަންނަނީ ވެއްޓިފައިވާ އިމާރާތްތައް ބަލައި ފާސްކުރަމުންނެވެ.

އިޝިކާވާ ޕްރިފެކްޗާގެ ނޯޓޯ ޕެނިންސިއުލާގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ނުރައްކާ ބޮޑުވެ، ސްނޯގެ ނުރައްކާ ބޮޑުވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ. ބިންހެލުމާއި މޫސުން ގޯސްވުމުގެ ސަބަބުން އެ ސަރަހައްދުގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ 1،000 ހާދިސާއެއް މިހާރު ވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު އިޝިކާވާ ސަރަހައްދުގެ ގާތްގަނޑަކަށް 18،000 ގޭބިސީއަކުން ކަރަންޓު ކެނޑުނުއިރު އާދީއްތަ ދުވަހު 66،100 އަށް ވުރެ ގިނަ ގޭބިސީއަށް ވަނީ ފެނުގެ ހިދުމަތް ކެނޑިފައެވެ.

ސަރުކާރުގެ ހިޔާތަކުގައި ތިބި 28،800 މީހުންގެ ތެރެއިން ގިނަ މީހުންނަށް އެކަށީގެންވާ ވަރަށް ފެނާއި ކަރަންޓު ނުލިބޭއިރު، ބައެއް މީހުން ނިދަމުން އަންނަނީ ފިނި ތަޅުން މަތީގައެވެ.

"ކާރިސާއާ ގުޅިގެން މަރުވާ މީހުންގެ އަދަދު މަދުކުރުމަށް ހަރުދަނާ ފިޔަވަޅުތައް އަޅަން ޖެހޭ. ހިޔާތަކުގެ ނިކަމެތި މާހައުލު ރަނގަޅު ކުރަން ބޭނުން." އިޝިކާވާގެ ގަވަރުނަރު ހިރޯޝީ ހަސޭ ވިދާޅުވިއެވެ.

މަރުވި މީހުންގެ ތެރެއިން 70 މީހުން މަރުވެފައިވަނީ ވަޖިމާއިންނެވެ. ސުޒޫއިން 70 މީހުން މަރުވެފައިވާއިރު، 11 މީހުން މަރުވެފައިވަނީ ނޯޓޯ ޕެނިންސިއުލާގެ އުތުރުގައެވެ. އަދި ބާކީ ތިބި މީހުން މަރުވެފައިވަނީ އިތުރު ހަތަރު އަވަށެއްގެ ތެރޭގައެވެ. މި ހާދިސާގައި 103 މީހުން އަދިވެސް ނުފެންނައިރު، 565 މީހުން ވަނީ ޒަހަމްވެފައެވެ. އަދި 1390 ގެއެއް ހަލާކުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް