މިދިޔަ އަހަރުގެ ޑިސެންބަރު ގައި 2.58 ބިލިއަން ރުފިޔާ ބަލައިގަނެފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.
މީރާއިން އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން މި އަދަދަކީ 2021 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 27.4 ޕަސެންޓު އިތުރު އަދަދެކެވެ. އަދި ޑިސެންބަރު 2022 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 77.0 ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހު 135 މިލިއަން އެމެރިކާ ޑޮލަރު އާމްދަނީގެ ގޮތުގައި މީރާއިން ބަލައިގަނެފައިވެއެވެ.
މިދިޔަ އާމްދަނީ އިތުރުވެފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، ޖީ.ޖީ.އެސް.ޓީ އަދި ކުންފުނިތަކާއި ފަރުދުން-ނޫން އެހެން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އަދި ނޮން-ރެސިޑެންޓް ވިތްހޯލްޑިންގ ޓެކުހުންނެވެ. އެންމެ ބޮޑު ބައެއް ހިއްސާ ކުރީ ޑިސެންބަރު މަހު ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުންނެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލީގެ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެހޭ ގަވާއިދުގެ ދަށުން، 99 އަހަރަށް ކުލީގެ މުއްދަތު އިތުރުކުރުމަށް ދައްކަންޖެހޭ ފީގެ ރޭޓު 26 ޑިސެންބަރު 2022 ގެ ފަހުން އިތުރުކުރުމަށް ކަނޑައެޅިފައިވުމުން ގިނަ ރިޒޯޓުތަކުން ސުންގަޑިއަށް ފައިސާ ދައްކާފައިވުމުން، މީރާއަށް ބަލައިގަތް އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބިފައިވެއެވެ.
ޑިސެންބަރު ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 882.35 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ އާމްދަނީއެވެ. އެއީ 882.03 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި 359.53 މިލިއަން ރުފިޔާ، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 130.44 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 75.75 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 252.99 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް