ޕްރައިމަރީގައި ވާދަކުރައްވަނީ، ޝާހިދު ނުނިކުންނެވުމުން: ރައީސް ނަޝީދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިކުމެވަޑައިނުގަތުމުން ކަމަށް  އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވ...

10 Jan 2023 | 17:38

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނިކުމެވަޑައިނުގަތުމުން ކަމަށް  އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ ޕްރައިމަރީގެ ކެމްޕޭންގައި އެ މަނިކުފާނު އިއްޔެ ތިން އަތޮޅަކަށް ފެއްޓެވި ދަތުރުފުޅުގައި ރ. ދުވާފަރަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމުގައެވެ.

ދުވާފަރު ރައްޔިތުންނާ އެކު ބޭއްވި ކެމްޕެއިން ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ޕްރައިމަރީގައި ވާދަކުރުމަށް ނިކުމެވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޝާހިދު ނިކުމެވަޑައިގަންނަވާނަމަ ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށްވިދާޅުވެފައިވާނެ ކަމަށެވެ.

ނަމަވެސް  އެބޭފުޅުންނަކީ ނިކުމެ ވާދަކުރަން އުޅޭ ފަދަ ބޭފުޅުންނަށް ނުވާހެން ހިވާތީ މިފަހަރު ޕްރައިމަރީގައި ވާދަކުރަން ނިކުމެވަޑައިގަތީ ކަމަށާއި ރައީސް ނަޝީދަކީ ނިކުމެ ވާދަކުރަން އުޅޭ ފަދަ ބޭފުޅެއް ކަމަށާއި އެހެންވެ މިހުންނެވީ ނިކުމެ ވާދަކުރަން ކަމުގައި ނަޝީދު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައީސް ޞާލިހަށް ވޯޓުދޭނެ މީހުން މަދުކަން ފާހަގަކުރެއްވޭ ކަމަށާއި ރައީސް ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ބުނާ މީހުން ގިނަ ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރު ވުމުގެ ގޮތުން  އެމްޑީޕީން ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެއްކޮޅުން އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ވާދަކުރައްވާ އިރު، އަނެއްކޮޅުން ވާދަކުރައްވަނީ އެމްޑީޕީގެ އިސް ލީޑަރު ރައީސް ޞާލިހެވެ.

މި ދެބޭފުޅުން ވެސް ފޯރިއާއެކު ކެމްޕެއިން ކުރައްވަމުން ގެންދާއިރު މިއީ ފަހުގެ ތާރީހެއްގައި އެމްޑީޕީގެ އެތެރޭގައި ބޭއްވޭ އެންމެ ވާދަވެރި އިންތިޚާބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް