އިޒާންގެ ނަޒަރުން:-
"އިޒާން މިވަގުތު އިހަށް މިތަނުން ދޭ! އައި ވިލް ޓޯކް ޓު ޔޫ ލޭޓަރ.. " ނައުރާ ބުންޏެވެ. އަހަރެން އެތަނުން ނިކުތީ ހާސްވެ ކަންބޮޑުވެފައި ހުރެއެވެ. ނިމާލްގެ ނުރުހުމުގެ އަޑުގައި ހުންނަނީ ނުރައްކާތެރި ގޮތެކެވެ. އޭނާގެ ދެލޮލުން އަހަރެން ފިއްސާލަފާނެ ކަހަލައެވެ. އަހަރެން ބޮޑަށް ކަންބޮޑުވީ ނައުރާއާ ދޭތެރޭގައި ކަންތައް ކުރެވުނު ގޮތުންނެވެ. އޭނާގެ އެއްވެސް ކުށެއް ނެތި އޭނާއާ ދިމާލަށް ކިޔުނު އެއްޗެހިންނެވެ. ކަންތައްތައް ގޯސްވެފައި ވަނިކޮށް އަހަރެން މިއައީ އިތުރަށް އެކަން ގޯސްކޮށްފައެވެ.
އޮފީހުން ނިކުމެވުމާއެކު އަހަރެން ދިޔައީ ޖިނާންގެ ގެއަށެވެ. ކަންތައްވެގެން ދިޔަ ގޮތް އޭނާއާ ހިއްސާކުރުމުން އޭނާވެސް ކުށްވެރިކުރީ އަހަރެންނެވެ.
"އިޒާންގެ ބޯދާ ވިސްނުމެއްގެ ސަބަބުން ރަނގަޅު ރަޙުމަތްތެރިއެއް ތި ގެއްލުނީ.. ޒޭބާވެސް އެހާ ކަޓު ވިސްނުމެއް ގެންގުޅެން ޖެހޭތަ؟ ފިރިހެނެއްގެ އަންހެން ރައްޓެހިން ތިބެގެން ނުވާނެތަ؟ އެއީ އަދި އިޒާންގެ އަނބިމީހާއަށް ނޫން ދޯ.. ދާ ހާ ތަނެއް އުޅޭހާ ގޮތެއް ހިއްސާ ކުރާކަށް ނުޖެހޭނެ.. ސީރިއަސްލީ މޭން! އައި ފީލް ބޭޑް ފޯރ ނައުރާ.. " ޖިނާން ބުންޏެވެ.
"ޖިނާ! ޒޭބާއާ ނުކިޔާ... " އަހަރެން އެހެން ބުނެލީ މަޑުމައިތިރިކަމާއެކުއެވެ. ވެދިޔަ ކަންތަކަށް ޒޭބާގެ ނަން ގެންނަން އަހަރެން ބޭނުމެއް ނުވެއެވެ. ކުށް ކުރެވުނީ އަހަރެންނަށެވެ.
"މީ ޒޭބާއާ ކިޔަނީކީ ނޫނޭ ބްރޯ! ފެކްޓްސް ބުނެދިނީ.. ދެންވެސް އަވަހަށް ނައުރާ ކައިރިން މާފަށް އެދެންވީ.. ޕުއަރ ނައުރާ..! " ޖިނާން ބުންޏެވެ.
"އައްދެ މިހާރު ދެން ހާދަ ނައުރާ އޭ.. ޔަގީނޭ އެދުމެއް އޮތީކަން.. " ޖިނާން އާ ދިމާކޮށްލުމުގެ ގޮތުން އަހަރެން ބުނެލީމެވެ.
"ދެން އިޒާންއަކަށް ނުފޮރުވާނެއްނު.. އަހަރެންނަށް ނައުރާގެ ނަމްބަރު ދޭންވީނު.. ސްކޫލްގަވެސް ވަރަށް ކުރަން ބޭނުންވިކަމެއް އެއީ.. " ލާނެތް ގޮތަކަށް ޖިނާން ބުންޏެވެ.
"މަޑުން ހުރޭ.. ނައުރާގެ ހުއްދަ ނެތި އެއްވެސް މީހަކަށް އޭނާގެ ނަމްބަރު ނުލިބޭނެ.. އެހެޔޮ އަހަރެންގެ ބައްޕަ ބުންޏަސް... ކޮންމެހެން އަހަރެންގެ ބޮސްއަށް ވާތީއެއް ނޫން.. އަންހެނަކަށް ވާތީ އެއިޚްތިރާމް އޮންނާތީ "
"ދެން އެހެންވީއިރު ހުއްދަ ހޯދަބަލަ .. " ޖިނާން އެހެން ބުނުމާއެކު އަހަރެން ހިނިގަނޑެއް ޖަހާލީމެވެ. ޖިނާން ކަހަލަ ވަޒީފާއެއް ނެތް އެބައުޅޭ މިބައުޅޭ އުޅުން ހުންނަ މީހަކާ ނައުރާ ގުޅެން އެބައުޅޭހޭ ބުނެލީމެވެ. ޖިނާން އަނގައިން ދެރަ ނުވާންވެގެން ތިމަންނަ އަދި ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ވާނަމޭ ބުނެލިއެވެ.
********
ޖިނާންގެ ނަސޭހަތާ އެއްގޮތަށް އަހަރެން އަނެއް ދުވަހު އޮފީހަށް ދިޔައީ ނައުރާ ކައިރިން މައާފަށް އެދެން ވިސްނައިގެންނެވެ. އޮފީހަށް ވަދެ ސައިން އިން ވެލުމަށްފަހު ނައުރާގެ ކެބިންއާ ދިމާލަށް އަހަރެން މިސްރާބު ޖެހީމެވެ. ދެފަހަރަކު ދޮރުގައި ޖަހައިލުމާއެކު އެތެރެއިން ވަނުމަށް ނައުރާ ގޮވައިލިއެވެ. އަހަރެން ވަނުމާއެކު ލެޕްގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން އިނދެ ކިހިނެއްވީތޯ ނައުރާ ސުވާލުކުރިއެވެ.
"އަހަރެންނާއެކު ބްރޭކްފާސްޓް ނަގަން ދާނަންތަ؟ " އަހަރެން ބުނެލީމެވެ. އެހިނދު ނައުރާ އަހަރެންނަށް ބަލައިލިއެވެ. ލެޕް ލައްޕައިލުމަށްފަހު އިންތަނުން ތެދުވިއެވެ.
"އަހަރެން މުވައްޒަފުންނާއެކީ ކެފޭތަކަށް ގޮސް ނޫޅެން.. އެހެންނޫނަސް މިވަގުތު އަހަރެން ވަރަށް ބިޒީ.. ދޮންބެއާއެކު ބްރޭކްފާސްޓަކަށް މިދަނީ.. " ނައުރާ ބުނެލިއެވެ. މޭޒުމަތީގައި އޮތް ދަބަސް ކޮނޑުގައި އަޅުވާއިގެން ކެބިން އިން ނިކުންނަން ނައުރާ ހިނގައިގަތެވެ. އެހިނދު އަހަރެން މަޑުކޮށްލާށޭ ބުނެ ނައުރާގެ އަތުގައި ހިފީމެވެ.
"ވަރަށް ބޮޑަށް ސޮރީ ނައުރާ! އަހަރެންނަށް ކަންތައް ކުރެވުނު ގޮތުންނާއި ކިޔުނު އެއްޗެހިން ނިހާޔަތަށް މައާފަށް އެދެން.. އަހަރެންގެ ލޯ ހުޅުވައިދިނީތީ ނައުރާއަށް ޝުކުރުވެރިވަން.. " އަހަރެން ބުނެލީމެވެ. ނައުރާ މަޑުމަޑުން އަހަރެންގެ އަތުން ވީއްލިގަތެވެ.
"އިޒާންއަށް ވަރަށް ފަސޭހަ ކަމެއްތަ ހިތުގައި ޖައްސާފައި ދުލުން ސޮރީ އޭ ބުނެލުން އެއީ.. " ނައުރާ ވާހަކަ ދެއްކިއިރު އޭނާ ވަރަށް ހިތުގައި ޖެހިފައި ހުރިކަން އަހަރެން އެނގުނެވެ. ބުނަން ހެއްޔެވެ. ޑްރާމާ ކުޅުމުގައި ނައުރާ އެއީ ހަމަ އެއްވަނައެވެ. އެވޯޑެއް ހައްޤެވެ. އަހަރެން މޮޔަކަމުން އެއީ ހަޤީޤަތެއް ކަމުގައި ހީކުރެވުނީއެވެ.
"ދެން އަހަރެން ކިހިނެއް ހަދަންވީ ނައުރާ! ވީކަމެއް ބަދަލެއް ނުކުރެވޭނެއްނު.. ނައުރާ ކަހަލަ ރަޙުމަތްތެރިއެއް އަހަރެންނަށް ކުރެވުނު މޮޔަކަމެއްގެ ސަބަބުން ގެއްލޭކަށް ބޭނުމެއް ނޫން.. ދެން ދުވަހަކުވެސް އެފަދަ ކަމެއް ތަކުރާރު ނުވާނެ ކަމަށް އަހަރެން ވައުދުވަން.. ޕްލީޒް ނައުރާ އަހަރެންނަށް މާފުކުރޭ.. " އާދޭހުގެ ރާގެއްގައި އަހަރެން ބުނީމެވެ. ނައުރާ އިރުކޮޅަކު އަހަރެންނަށް ބަލަހައްޓައިގެން ހުއްޓެވެ.
"އެހާ ފަސޭހައިން އަހަރެންނަށް ތި ސޮރީ ޤަބޫލެއް ނުކުރެވޭނެ.. އަހަރެންގެ ހިތުގައި ޖެއްސުމުގެ އަގު އަދާ ކުރަން ޖެހޭނެ.. " ނައުރާ ބުނެލިއެވެ.
"ކޮބާތަ އަގަކީ..؟ " އަވަސް އަވަހަށް އަހަރެން ބުނީމެވެ.
"ތިއެއް އެނގޭނީ އިޒާންއަށް.... " މިހެން ބުނެ ނައުރާ އެތަނުން ނިކުންނަން ހިނގައިގަތެވެ. ނިކުތުމުގެ ކުރިން އަދި އެއްފަހަރު އެނބުރި ބަލައިލިއެވެ.
"ބައި ދަ ވޭ........ އަހަރެންނަށް ވަރަށް ފިލްމް ބަލާހިތްވޭ... " މިހެން ބުނުމަށްފަހު ނައުރާ އެތަނުން ނިކުންނަން ހިނގައިގަތެވެ. ނައުރާ އެބުނި އެއްޗެއް ވިސްނައިގަންނަން އަހަރެންނަށް އުނދަގުލެއް ނުވިއެވެ. ނައުރާ ގޮވައިގެން ސިނަމާއަކަށް ދެވިދާނެއެވެ. ނަމަވެސް ޒޭބާ އެކަމަށް ނުރުހޭނެކަން ޔަގީނެވެ. ދަންޏާ ދާން ޖެހޭނީ ޒޭބާއަށް ސިއްރުންނެވެ. އެވަގުތު އަހަރެންނަށް މުހިންމުވީ ނައުރާ ރުއްސުމެވެ. އޭނާ ހިތުގައި ޖެހުނީ އަހަރެންގެ ސަބަބުން ކަމަށްވާތީއެވެ. ޖިނާން ބުނިހެން ޒޭބާ އަދި އަހަރެންގެ އަތްންބަކަށް ނުވެއޭ ހިތަށް އެރިއެވެ. ވީމާ ކޮންމެ ކަމެއް އޭނާއާ ހިއްސާ ކުރަން ނުޖެހޭނެއެވެ.
ލަންޗް ގަޑި ޖެހުމާއެކު ބޭރަށް ގޮސް އަހަރެން އައީ މުޅިން އަލަށް އަޅުވަން އުޅޭ ފިލްމެއްގެ ދެޓިކެޓް ނަގައިގެންނެވެ. ނައުރާ އަންނަންދެން އޭނާގެ ކެބިން ކުރިމަތީގައި އަހަރެން ހުއްޓިގެން ހުރީމެވެ. އެހެން ހުއްޓާ ނައުރާ އެތެރެއަށް ވަދެގެން ދިޔައީ އަހަރެންނަށް ބަލާވެސް ނުލައެވެ. އަހަރެންވެސް ނައުރާގެ ފަހަތުން ވަންއިރު ނައުރާ އޭނާގެ ގޮނޑީގައި އިށީންނަނީއެވެ. އަހަރެންގެ ޖީބުން އެއް ޓިކެޓް ނަގާ ނައުރާގެ ކުރިމަތީގައި ބޭއްވީމެވެ. އެއަށް ނަޒަރެއް ދިނުމަށްފަހު ނައުރާ އަހަރެންނަށް ބަލައިލިއެވެ.
"މިރޭ އަށެއް ޖަހާއިރަށް ރެޑީވާތި.. " އަހަރެން ބުނެލީމެވެ. އެ ނަގާ ބަލައިލުމަށްފަހު ނައުރާ ހިނިތުންވެލިއެވެ.
"ސޯ..؟ އަހަރެންގެ ސޮރީ ޤަބޫލުކުރީތަ؟ " މޭޒުގައި ދެއަތް އަޅުވައިލަމުން އަހަރެން އެހީމެވެ.
"ފިލްމު ނިމުނީމަ ގޮތެއް ނިންމޭނީ.. އަހަރެން މިގަޑީ މާފްކޮށްފިއްޔާ އިޒާން ނައިސްދާނެ.. " ނައުރާގެ އަޑުގައި ޖޯޝެއްވިއެވެ.
"އަހަރެން ދޮގެއް ނުހަދާނަން.. ދާނަމޭ ބުނެފިއްޔާ ދާނަން.. " އަހަރެން ބުނެލީމެވެ.
"އިޒާން އަހަރެން ބަލައި އަންނާނަން ދޯ... އަހަރެންގެ ކާރު ވީ ސާރވިސް ކުރަން ފޮނުވާފަ.. އިޒާންއަށް އުނދަގޫވަންޏާ އަހަރެންގެ ޓެކްސީއެއްގަ ގޮސްދާނަން.. " ނައުރާ ބުންޏެވެ.
"އަހަރެންނަށް އުނދަގުލެއް ނުވާނެ.. އިޝާ ނަމާދުން ފައިބާ ނައުރާ ބަލާ ދާނަން.. " އަހަރެން ބުނީމެވެ. ނައުރާގެ މަޅީގައި މީހުން ޖައްސަން ވާހަކަތައް ހަދާލުމަކީ އޭނާއަށް އެއްވެސް އުނދަގޫކަމެއް ނޫނެވެ. ކިޔަވައިގެން ހުއްޓަސް އަހަރެންނަކީ ބޮޑު މޮޔައަކަށް ހެދީ ނައުރާއެވެ.
***********
އަހަރެން ވައުދުވިހެން ސައިކަލުގައި ނައުރާ ބަލާ އެގޭ ދޮށައް ދިޔައީމެވެ. އެހާ ކައިރިން އެގެ ފެނުނު އެއީ ފުރަތަމަ ފަހަރެވެ. މެހެލެއް ކަހަލަ ގެއެކެވެ. އެހާ ބޮޑު ގެއެއްގައި އެއުޅެމުން ދަނީ ނައުރާއާއި އޭނާގެ ބޭބެއާ ދެމީހުންނެވެ. ކޮންމެވެސް ދުވަހަކުން އެފަދަ ގެއެއް ގަތުމަކީ އަހަރެންގެ އެންމެ ބޮޑު އުއްމީދަށް ވިއެވެ. ނަމަވެސް މިއަދު ބަޔަކު މީހުން އަހަރެން އެހުވަފެން ވިއްސި ވިހާލި ކޮށްލައިފިއެވެ.
ގެއިން ނިކުމެގެން އަންނަ ނައުރާއަށް އަހަރެންގެ ނަޒަރު ހުއްޓުނެވެ. އޮފީހުން ފެންނަ ގޮތާ ތަފާތެވެ. އޮރެންޖް ކުލައިގެ އަތް ދިގު ކަކުލާ ހަމައަށް ހެދުން ހުރީ ނައުރާގެ ގަޔަށް ހިފާލާފައެވެ. އެފަދަ ގޮތް ގޮތަށް ހެދުން އެޅުމަކީ އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. އެވަގުތު ހަނދާންވީވެސް އަހަރެންގެ ޒޭބާ މަތިންނެވެ. އެންމެ ސިމްޕަލް ގަޔަށް ދޫ ހެދުން އެޅުމުގައި ޒޭބާއަކީ އެއްވަނައެވެ.
"އައިމް ސޯ އެކްސައިޓެޑް.. " އަހަރެން ކައިރިއަށް އައިސް ހުއްޓެމުން ނައުރާ ބުންޏެވެ. ވަކި އެއްޗެއް ނުބުނެ އަހަރެން ހިނިތުންވެލީމެވެ. ހަޤީޤަތުގައި އަހަރެން އެހާ ދާހިތެއްވެސް ނުވެއެވެ. ހަމައެކަނި ނައުރާގެ މާފު ބޭނުންވާތީ ކުރާ ކަމެކެވެ.
"އަހަރެން ހަޑިއޭ ވެސް ރީއްޗޭވެސް ނުބުނާނަންތަ؟ " ނައުރާ އެހިއެވެ. އެސުވާލުގެ ޖަވާބުދޭން އަހަރެން ކުޑަކޮށް ފަސްޖެހުނެވެ. ޒޭބާ ނޫން އަންހެން ކުއްޖަކާ ދިމާލަށް އަހަރެން ރީއްޗޭ ނުބުނަމެވެ. ހަޑިއޭވެސް ބުނަން ނުކެރޭނެތާއެވެ. އޭރުން އަހަރެން މީ އެއްވެސް އަޚްލާޤެއް ނެތް މީހަކަށް ވެދާނެއެވެ. އެހެންނޫނަސް ނައުރާ އާ ދިމާލަށް ހަޑިއޭ ބުނެފިނަމަ އެވާނީ ދޮގަކަށެވެ. ހަޤީޤަތަކީ ނައުރާ އަކީ ރީތި ކުއްޖެކެވެ. އެހެންމީހުންގެ ނަޒަރުގައި ނަމަ ޒޭބާއަށް ވުރެވެސް ރީތި ކުއްޖަކަށް ވެދާނެއެވެ. އެވެސް އެތައް ގުނައަކަށެވެ. ނަމަވެސް އަހަރެންނަށް އަހަރެންގެ ޒޭބާ ވަރުގެ ރީތި ކުއްޖަކު ނެތެވެ.
"ހުރިހާ އެންމެންނަކީވެސް ރީތި މީހުން... " އަހަރެން ބުނެލީމެވެ. ނައުރާ ދެލޯ ހަނިކޮށްލި ހިނދު ވާހަކަ ދައްކާން އުޅޭހެން ހީވެ އަހަރެން އަވަސް އަވަހަށް ދެންވެސް ސައިކަލަށް އަރާށޭ ބުނެލީމެވެ.
"އަވަހަށް އަރާ އެހެން ނޫނީ ފިލްމުގެ ފެށުން ނުފެންނާނެ.. " އަހަރެން އެހެން ބުނުމާއެކު ނައުރާވެސް ދެވަނަ ބަހެއް ބުނުމެއްނެތި ސައިކަލަށް އަރައިފިއެވެ.
ސިނަމާއަށް ވަނުމުގެ ކުރިން އަހަރެން ފޯނު ނިވައިލީމެވެ. އެތަނުގައި އިންދާ ޒޭބާ ގުޅައިފިނަމަ ދޮގު ހަދާކަށް ނުކެރޭނެއެވެ. ފިލްމު ބަލަމުން ދިޔައިރު މުޅިންވެސް އަހަރެމެންގެ މެދުގައި ދެކެވެމުން ދިޔައީ ފިލްމާ ގުޅޭ ވާހަކަތަކެވެ. އިސާހިތަކު އަހަރެންނަށްވެސް އިނީ މުޅިން ފިލްމް ތެރެއަށް ވަދެވިފައެވެ. ފިލްމު ނިމުނީ އެގާރަ ގަޑި ބައިވީ ފަހުންނެވެ. ބަނޑުހައިވެފައި ހުރުމުން ނައުރާ ބޭނުންވީ ތަނަކަށް ގޮސް ކާށެވެ. އަވަހަށް ގެއަށް ދާން ބޭނުންވެފައި ހުރި ނަމަވެސް ދެކޮޅު ހަދާކަށް އަހަރެންނަކަށް ނުކެރުނެވެ.
ކައި ނިމިގެން ނައުރާ ގެއަށް ލުމަށްފަހު އަހަރެން އަވަހަށް ގެއާ ދިމާލަށް މިސްރާބުޖެހީމެވެ. ގެ ކައިރީގައި ސައިކަލު ޕާކު ކުރުމަށްފަހު ޖީބުގައި އޮތް ފޯނު ނަގައިގެން އެހުޅުވަން މަސައްކަތް ކުރަމުން އަހަރެން ގެއަށް ވަނީމެވެ. ކޮޓަރިއަށް ވަންތަނުން ލިބުނީ ސިހުމެކެވެ. ގޮނޑީގައި އެއްފައި މައްޗަށް އަނެއްފައި ލައިގެން އަހަރެންނާ ދިމާލަށް ބަލަހައްޓައިގެން އިނީ ޒޭބާއެވެ.
ނުނިމޭ.. ވާހަކައިގެ އާބައެއް، އިންޝާﷲ، 12 ޖެނުއަރީ ވާ ބުރާސްފަތި ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް