ބަހުގެ ހިދުމަތަށް ކާޑު މެދުވެރިކޮށް ފައިސާ ދެއްކޭގޮތް ހަދައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މާލެ ސިޓީ ބަހުގެ ޚިދުމަތް ބޭނުންކުރަށްވާ ދަތުރުވެރިންނަށް ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކޭނެ...

10 Jan 2023 | 13:57

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) މާލެ ސިޓީ ބަހުގެ ޚިދުމަތް ބޭނުންކުރަށްވާ ދަތުރުވެރިންނަށް ކޮންޓެކްޓްލެސް މާސްޓަރކާޑު އަދި ވިސާ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

އެމްޓީސީސީން މިއަދު ބުނީ ބަހުގެ ޚިދުމަތް ބޭނުންކުރައްވާ ދަތުރުވެރިންނަށް އިތުރު ލުއިފަސޭހަތަކެއް ހޯދައިދިނުމަށް އެ ކުންފުނިން ބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑާއި ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ކޮންޓެކްޓްލެސް މާސްޓަރކާރޑް އާއި ވިސާ ބްރޭންޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް އާރް.ޓީ.އެލް މާލެ ސިޓީ ބަހުގެ ޚިދުމަތަށް ފައިސާ ދެއްކޭނެ އިންތިޒާމް މިއަދުން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން އެމްޓީސީސީން ބުނީ ދުނިޔޭގެ ކޮންމެ ބޭންކެއްގެ ވެސް ކޮންޓެކްޓްލެސް މާސްޓަރކާރޑް ނުވަތަ ވިސާ ބްރޭންޑުގެ ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް އަތުގައި އޮވެއްޖެނަމަ އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް ޓެޕް އެންޑް ޕޭ މެތަޑުން މިހާރު ފައިސާ ދެއްކޭނެ ކަމަށެވެ.

މާސްޓަރކާރޑް އަދި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ކާޑު މެދުވެރިކޮށް ޓިކެޓަށް ފައިސާ ދެއްކުމަށް ބޭނުނުންވާ ވެލިޑޭޓަރ މާލެ ސިޓީގެ ހުރިހާ އާރް.ޓީ.އެލް ބަހެއްގައިވެސް ހަރުކުރެވިފައި ހުންނާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ބުނީ އާރް.ޓީ.އެލް ބަހުގެ ޚިދުމަތަށް ފައިސާ ދެއްކުމަށް ކޮންޓެކްޓްލެސް ކާޑު، ބަހުގައި ހަރުކުރެވިފައިވާ ވެލިޑޭޓަރގެ ސްކޭނަރގައި ޓެޕްކޮށް ލުމުން ނުވަތަ ޖައްސާލުމުން ވަގުތުން ފައިސާ ދެއްކޭނެ ކަމަށެވެ.

އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ބޭނުންކުރަށްވާ ދަތުރުވެރިންގެ ފަސޭހައަށް އިތުރު ކުރެވުނު ފައިސާދެއްކޭނެ އިންތިޒާމާއިއެކު، ތިން ގޮތަކަށް ބަހުގެ ޓިކެޓަށް ފައިސާ ދެއްކޭނެ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.

  1. ނަގުދުކޮށް ފައިސާ ދެއްކުން: ކަރުދާސް ޓިކެޓް ނަގުދު ފައިސާ ބޭނުންކޮށްގެން ސީދާ ބަހުން ކަރުދާސް ޓިކެޓެއް ގަތުމުގެ ޚިދުމަތް ލިބޭނީ މާލެ ބަސް R12, R11, R10 އައްޑޫސިޓީ، ފުވައްމުލައް ސިޓީ، ލާމު ގަން، ފޮނަދޫ، އިސްދޫ އަދި ކަލައިދޫ އިން ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

2. އޮންލައިންކޮށް ފައިސާ ދެއްކުން: ކިޔު.އާރް ޓިކެޓް، އާރް.ޓީ.އެލް ޓްރެވަލް އެޕް ނުވަތަ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ކިޔުއާރު ޓިކެޓް ގަތުމުގެ  ޚިދުމަތް އެ ކުންފުނީގެ ހުރިހާ އާރްޓީއެލް ބަހާއި އަދި ފެރީ ޚިދުމަތުން  ލިބޭނެ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

3. ޓެޕް.ޓު.ޕޭ: ޓިކެޓްލެސް މާސްޓަރކާރޑް އަދި ވިސާ ބްރޭންޑުގެ ކޮންޓެކްޓްލެސް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑެއް މެދުވެރިކޮށް ޓެޕް ޓު ޕޭ އުޞޫލުން ފައިސާ ދެއްކުން މިއީ ޓިކެޓްލެސް ޚިދުމަތެއް ކަމުން، މިގޮތަށް ޓިކެޓަށް ފައިސާ ދައްކަވާ ފަރާތްތަކަށް ޓިކެޓެއް ދުލެއް ނުކުރާނެ އެވެ. މި ޚިދުމަތް މިވަގުތު ލިބޭނީ މާލެ ސިޓީގެ ބަސްތަކަށް އެކަނި ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ބުނީ އަލަށް ތައާރަފުކުރެވުނު ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމަކީ މިވަގުތަށް ހަމައެކަނި އާރް.ޓީ.އެލް މާލެ ސިޓީގެ ބަހުގެ ޚިދުމަތަށް އިތުރުކުރެވުނު ޚިދުމަތެއް ކަމަށެވެ.

އެހެން ނަމަވެސް އަވަސް މުސްތަޤުބަލެއްގައި އެހެނިހެން އަތޮޅުތަކުގައި އެ ކުންފުނިން ދެމުން އަންނަ އާރް.ޓީއެލް ބަހުގެ ޚިދުމަތަށްވެސް ކޮންޓެކްޓްލެސް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރަންހުރި މަސައްކަތް އެ ކުންފުނިން ކުރަމުން އަންނަކަން ހާމަކޮށްފައި ވެއެވެ.

އެމްޓީސީސީން ބުނީ އާރް.ޓީ.އެލް ބަހުގެ ޚިދުމަތް 65 އަހަރުން މަތީގެ އިސްރަށްވެހިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް އައި.ޑީ. ކާޑު ދެއްކުމުން ހިލޭ ލިބޭނެކަމަށެވެ.

އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާއިން ދީފައިވާ ކާޑު ދެއްކުމުން ވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށާއި  ޔުނިފޯރމްގައި ތިބޭ ސްކޫލް ކުދިންނަށްވެސް ހިލޭ ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

އެމްޓީސީސީން ބުނީ އާރް.ޓީ.އެލް. ޙިދުމަތުގެ ޝެޑިއުލް އަދި ރޫޓް މެޕް އާރް.ޓީ.އެލް. ވެބްސައިޓް އަދި ޓްރެވަލް އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ބައްލަވާލެވެން ހުންނާނެ ކަމަށެވެ.

ހަމައެހެންމެ އާރް.ޓީ.އެލް. ޓްރެވަލް އެޕްގެ ލައިވް ޓްރެކިންގ ޚިދުމަތް މެދުވެރިކޮށް ބަސްތައް އޮތް ސަރަހައްދުވެސް މިހާރު ކަސްޓަމަރުންނަށް ބަލައިލެވޭނެ ކަމަށާއި އާރް.ޓީ.އެލް. ފެރީއާއި ބަހުގެ ޚިދުމަތް އަތޮޅުތެރޭގައާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ފެށިގެން މިވީ ދުވަސްތަކުގެ ތެރޭގައި، ކަސްޓަމަރުންގެ ފަރާތުންނާއި ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު ތަރުޙީބާއި އެއްބާރުލުން އެ ކުންފުނިން ފާހަގަކޮށްފައި ވެއެވެ.

އެމްޓީސީސީން ބުނީ ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެ ކުންފުނީގެ މަޤްޞަދަކީ އެކަށީގެންވާ އަގެއްގައި ވީހާވެސް ލުއިފަސޭހަކަމާއެކު، ދަތުރުފަތުރުގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިނުންމަތީ، ދެމިތިބުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް