އިއްޔެ އަލިފާން ރޯވި ނީލަން ފިހާރަ ހިމެނޭ ސަރަހައްދުން ދުން އެރުން ހުއްޓުވައި، ތަން ފުުލުހުންނާއި ހަވާލުކޮށްފި އެވެ.
އެ ސަރަހައްދުގައި އަލިފާން ރޯވޭ އިއްޔެ ރޭ ފަތިހު 5:40 ހާއިރު އެވެ. އެއްކޮށް އަލިފާން ގަނޑު ކޮންޓްރޯލް ކުރެވުނީ އިއްޔެ ހެނދުނު 8:30 ހާއިރު އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބި ސަލާމަތް ވި ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައި އެވެ. އަދި ނީލަން ފިހާރަވެސް ވަނީ އަނދައި ހުލިވެފައި އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ހެނދުނުވެސް އަލިފާން ރޯވި ސަރަހައްދުގެ މެދުތެރެއިން ދުމުގެ އަސަރު ނުދާ ކަމަށެވެ. އެކަމަކު މެންދުރު ފަހު 3:20 ހާއިރު ބުނީ މިހާރު ދުން އެރުން އެއްކޮށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އަދި އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަން ތަން ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އިއްޔެގެ ހާދިސާގައި ސިޓީ ކައުންސިލްގެ އެކޮމޮޑޭޝަން ބްލޮކް އަނދާ ހުލިވުމުން 165 މުވައްޒަފުން ހާލުގައި ޖެހުނެވެ. އެ މީހުންނަށް ވަގުތީ ހިޔާގެ ގޮތުގައި ސަރުކާރުން ހަމަޖައްސައި ދިނީ ހުޅުމާލޭގައި ކޯވިޑް ފެސިލިޓީގެ ގޮތުގައި ބޭނުން ކުރި އިމާރާތެވެ.
މި ފަހުން ރާއްޖޭގައި ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގާފައިވެ އެވެ. އޭގެ ތެރޭގައި ނޮވެމްބަރު މަހު ބިދޭސީން ދިރިއުޅޭ ގެއެއްގައި ހުރި ގަރާޖެއްގައި އަލިފާން ރޯވެ 10 ބިދޭސީން މަރުވި ހާދިސާ ހިމެނެ އެވެ.
މިދިޔަ މަހު ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ބްރިޖް އަޅާ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކެއް އެއްކޮށް އަނދައި ހުލިވެފައިވެ އެވެ. އެ ހާދިސާގައި އެކަކު ގެއްލިގެން ހޯދަމުން ދަނިކޮށް އަނދާ ހުލިވެފައިވާ ސައިޓުން ފެނިފައިވަނީ އިންސާނެއްގެ ކަށިތަކެކެވެ.
އޭގެ ފަހުން މިމަހުގެ އަށް ވަނަ ދުވަހު ހަވީރު ގދ. ފިޔޯރީ ސްކޫލްގެ ހޯލް އިމާރާތުގައި އަލިފާން ރޯވެ ތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައިވެ އެވެ.
ކޮމިޝާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިފަދަ ބޮޑެތި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބު ހޯދުން ބޮޑު ތަހުގީގެއް ފުލުހުން ފަށާފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް