ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކްރިމިނަލް ކޯޓުން މިދިޔަ މަހުގެ25 ވަނަ ދުވަހު އިއްވެ ހުކުމުގެ ރިޕޯޓާއި ބަޔާންތައް އަދިވެސް ނުލިބޭކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ކޮރަޕްޝަނާއި މަނީ ލޯންޑާ ކުރިކަން ސާބިތުވާ ކަމަށް ކަނޑައަޅައި އެމަނިކުފާނަށް ވަނީ11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި އެވެ. އަދި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރި އެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގެންނަވާ ވަކީލު އަބްދުﷲ ޝިޔާޒު ވިދާޅުވީ ހުކުމް ކުރި ދުވަހު ވެސް ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ކަމަށްވާ މަހުޟަރު، ބަޔާންތަކާ އެކު ދޭން އެދިފައި ވިޔަސް، މިއަދާ ހަމައަށް ވެެސް އެ ނުލިބޭ ކަމަށެވެ. މަހުޟަރު ބަޔާނަކީ ކޯޓުގައި ދެ ފަރާތުން ދައްކާފައިވާ ހުރިހާ ވާހަކަތަކެއް ހުންނަ ލިޔުމެވެ.
އޭނާ ވިދާޅުވީ އެއީ އިސްތިއުނާފު ކުރުމަށް މުހިންމު ލިޔެކިޔުންތަކެއްކަން ފާހަގަ ކުރެއްވި އެވެ. އެގޮތުން އިސްތިއުނާފުގެ އެއް މަސްދަރަކަށްވާނީ، ދެފަރާތުން ޝަރީއަތުގައި ދެއްކި ވާހަކަ ހިމެނޭ މަހްޟަރު ބަޔާންތައް ކަމަށް ވިދާޅުވި އެވެ.
ޝިޔާޒު ވިދާޅުވީ، ހުލާސާ ރިޕޯޓު ދިނުމުގައި ކޯޓުން އަމަލުކުރި ގޮތަށް ބަލާއިރު، ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓު ދޫކުރުމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ދިގު މުއްދަތު ކޯޓުން ބޭނުން ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ޔާމީނަށް60 ދުވަސް ލިބޭނެ އެވެ.
ޔާމީނަށް ހުކުމް ކުރި ދުވަހު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވަނީ ވަރަށް އަވަހަށް ހުކުމް އިސްތިއުނާފު ކުރާނެ ކަަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް