ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ އައު ކުލަބު އަލް ނަޞްރުގެ ޖާޒީގައި ކުޅޭ ފުރަތަމަ މެޗަކީ މިމަހުގެ 19 ވަނަ ދުވަހު ފްރާންސްގެ ޕީއެސްޖީއާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުކަމަށް އަލް ނަޞްރުގެ ކޯޗު ރުޑީ ގާސިއާ ބުނެފިއެވެ.
ސައުދީގެވެރިރަށް އައް ރިޔާދުގައި ޕީއެސްޖީ އާއި ދެކޮޅަށް އަލް ނަޞްރު ކުޅޭ މެޗުގައި ރޮނާލްޑޯ ފެނިގެން ދާނެއިރު، މިއީ ދުނިޔޭގެ އެންމެ ބޮޑު މުސާރަ ލިބޭ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބާއި އެކު ކުޅޭ ފުރަތަމަ މެޗެވެ.
ރޮނާލްޑޯ އަލް ނަސްރަށް ބަދަލުވި ފަހުން އަލް ނަޞްރުން ސައުދީ ލީގުގައި މިހާތަނަށް ކުޅެފައިވަނީ އެންމެ މެޗެކެވެ. ނަމަވެސް އިނގިރޭސި އެފްއޭއިން ރޮނާލްޑޯއަށް ދިން ދެމެޗުގެ ސަސްޕެންޝަނާއި ގުޅިގެން މި މެޗުގައި ރޮނާލްޑޯ ކުޅެފައެއް ނުވެއެވެ. މި މަހުގެ 14 ވަނަ ދުވަހު އަލް ޝަބާބާ ދެކޮޅަށް އަލް ނަޞްރުން ކުޅޭ މެޗުގައި ވެސް ރޮނާލްޑޯއަށް ނުކުޅެވެނެއެވެ. އޭނާއަށް އަލް ނަޞްރާއި އެކު ވާދަވެރި މެޗެއް އެންމެ އަވަހަށް ވެސް ކުޅެވޭނީ މިމަހުގެ 21 ވަނަ ދުވަހުގައެވެ.
ޕީއެސްޖީއާއި އެކު ކުޅޭ އެކުވެރި ކަމުގެ މެޗުގައި ރޮނާލްޑޯ ފެނިގެން ދާނެ ކަމަށް އެޓީމުގެ ކޯޗު ރުޑީ ގާސިއާ ބުނެފައިވާއިރު، މި މެޗުގައި ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވާދަވެރިކަން ފެންނާނެ އެވެ. މި ދެ ކުޅުންތެރިންނަކީ ދުނިޔޭގެ ފުޓްބޯޅަ ތާރީޚް މިހާތަނަށް ދުއް އެންމެ މޮޅު ދެކުޅުންތެރިންނެވެ. އަދި މިވަގުތުވެސް ފުޓުބޯޅައިގެ އެންމެ ވާދަވެރިކަން ބޮޑު ދެ ކުޅުންތެރިންނެވެ. ރޮނާލްޑޯ އާއި މެސީ ފެނިގެން ދާ މެޗުތަކަކީ އަބަދުވެސް ގިނަ ބަޔަކު ފޯރިޔާއި އެކު ބަލާ މެޗުތަކަށް އޮންނަނީ ވެފައެވެ.
އެހެން ކަމުން މި މެޗަކީ ރޮނާލްޑޯ އާއި މެސީ ގެ ކުރިމަތިލުމަކަށް ވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދެ ކުޅުންތެރިންނަށް ސަޕޯޓުކުރާ ގިނަ އަދަދެއްގެ ފޭނުންނަށް މިއީ ވަރަށް ޚާއްޞަ މެޗަކަށް ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް