މިއަހަރު ހައްޖުގެ އަޅުކަމަށް ފުރުސަތު ދެނީ ކޯވިޑްގެ ކުރީގެ އަދަދަށް

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭނީ ކޯވިޑްގެ ކުރިން ދެމުންދިޔަ އަދަދަށް ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފި އެވެ. 2019 ވަނަ އަހަރު ފަހުކޮޅު ފެ...

10 Jan 2023 | 05:53

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭނީ ކޯވިޑްގެ ކުރިން ދެމުންދިޔަ އަދަދަށް ކަމަށް ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފި އެވެ.

2019 ވަނަ އަހަރު ފަހުކޮޅު ފެތުރެން ފެށި ކޯވިޑް މާތްވެގެންވާ މައްކާއިން ފެނުމުން 2020 ވަނަ އަހަރު ހައްޖުގައި ބައިވެރިކުރުވީ ސައުދީގައި ދިރިއުޅޭ އެންމެ 1،000 މީހުންނެވެ. 2021 ވަނަ އަހަރު ވެސް ސައުދީގައި ދިރިއުޅޭ ރައްޔިތުންނަށް އެކަނި ފުރުސަތު ދިން އިރު އަދަދު 60،000 އަށް އިތުރު ކުރި އެވެ.

މީގެ އިތުރުން މިދިޔަ އަހަރު ހުރިހާ ގައުމުތަކުން މީހުންނަށް ދަތުރު ކުރެވޭ ގޮތަށް އެއް މިލިއަން މީހުންނަށް ހައްޖުވުމުގެ ފުރުސަތު ދިނެވެ.

އެ ގައުމުގެ ޖިއްދާގައި ކުރިޔަށްދާ ހައްޖު އެކްސްޕޯގައި ވާހަކަ ދައްކަވަމުން ހައްޖު އެންޑް އުމްރާ މިނިސްޓަރު ތައުފީގް އަލް ރާބިއާ ވިދާޅުވީ މިއަހަރު ހައްޖުވުމަށް ފުރުސަތު ދޭނީ ކޯވިޑްގެ ކުރިން ދޭ އަދަދަށް ކަމަށެވެ. އެ އަދަދު ސީދާ ހާމައެއް ނުކުރައްވަ އެވެ.

އޭނާ ވިދާޅުވީ ކޯވިޑްގެ ހާލަތުން އަރައިގަނެވިފައިވާތީ މިއަހަރުން ފެށިގެން ހައްޖު ވެވޭނެ އުމުރުފުރާ އުވާލާފައިވާ ކަމަށެވެ. އޭގެ މާނައަކީ ކޮންމެ އުމުރެއްގެ މީހަކަށްވެސް މިއަހަރުން ފެށިގެން އަނެއްކާވެސް ހައްޖު ވެވޭނެ އެވެ.

މިދިޔަ ތިން އަހަރު ހައްޖުވުމުގެ ފުރުސަތު ދީފައިވަނީ 65 އަހަރުން ދަށުގެ މީހުންނަށެވެ.

ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެ އެވެ.

ސައުދީގެ މި ނިންމުމާއި އެކު މިއަހަރު ރާއްޖެއިން ހައްޖަށް ދިނުމަށް ފުރުސަތު ލިބޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް