ޗައިނާގެ ތިން ވަނައަށް އެންމެ އާބާދީ ބޮޑު ހެނާން ޕްރޮވިންސްގެ 90 ޕަސެންޓު މީހުންނަށް ކޯވިޑް ޖެހިފައި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އެ ޕްރޮވިންސްގެ ހެލްތް އޮފިޝަލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ އާބާދީގެ އަދަދަށް ބަލާއިރު އެއީ 88.5 މިލިއަން މީހުން ކަމަށެވެ. އެމީހުންނަށް ބަލި ޖެހުނީ މި ފަހުން ކޯވިޑް ފިޔަވަޅުތަކަށް ލުއި ދިން ފަހުން ކަމެއް ނުވަތަ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބަލި ފެނުނު ދުވަހުން ފެށިގެން ކަމެއް ހާމައެއް ނުކުރެ އެވެ.
އެކަމަކު ބުނެފައިވާ ގޮތުގައި ފިޔަވަޅުތަކަށް ލުއި ދިނުމުން މިދިޔަ މަހު 19 ހިސާބުގައި ހުމާއި ރޯގާ ޖެހިގެން ސިއްހީ ހިދުމަތްދޭ ތަންތަނަށް ދެއްކި މީހުންގެ އަދަދު ގިނަވެ ބާރުބޮޑުވާންފެށި ކަމަށެވެ. އަދި ވެސް ހަމަ އެގޮތުގައި ބަލީގެ ހާލަތު އެބައޮތް ކަމަށް ބުނެފައިވެ އެވެ.
ޗައިނާގެ ޒީރޯ ކޯވިޑް ސިޔާސަތަށް މިދިޔަ މަހު ކުރީ ކޮޅުން ފެށިގެން ލުއި ދިނީ އާންމުން ކުރަން ފެށި ވަރުގަދަ މުޒާހަރާތަކާއި ގުޅިގެންނެވެ. އަދި މިމަހު އަށް ވަނަ ދުވަހު ބޯޑަރުތައްވެސް ވަނީ ހުޅުވާލާފައި އެވެ.
މިދިޔަ މަހު ފިޔަވަޅުތަކަށް ލުއިދޭން ފެށުމާއި އެކު އެ ގައުމުގައި ބަލި ޖެހޭ މީހުންގެ އަދަދު ވަނީ މެކުހަށް ޖަހާފައި އެވެ. އެގޮތުން މިހާތަނަށް 120،000 މީހުންނަށް ބަލި ޖެހިފައިވާއިރު 30 މީހުން ވަނީ މަރުވެފައި އެވެ.
ފިޔަވަޅުތަކަށް ލުއިދޭން ނިންމީ ފެކްޓްރީތައް ބަންދުކުރަން ޖެހުމުގެ ސަބަބުން އާންމުންގެ ވަޒީފާ ގެއްލި އާމްދަނީ އަށް އަސަރު ކުރާ ކަމަށް ބުނެ ހިތްހަމަ ނުޖެހުން ފާޅުކުރާތާ އެތައް ދުވަހެއް ފަހުންނެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް