ހިންދޫން ގަދަރު ކުރާ ފައްޅިއެއް ހުންނަ އިންޑިއާގެ ފަރުބަދަމަތީ ޓައުނެއް އަޑިއަށް ދަނީ!

އިންޑިއާގެ އުތްރަހާންދް ސްޓޭޓްގެ ޖޮޝީމަތްގެ ޓައުނެއް އަޑިއަށް ދާތީ އެ ޓައުނުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ. އެ ޓައުނުގައި 25،000 އަށްވ...

10 Jan 2023 | 05:03

އިންޑިއާގެ އުތްރަހާންދް ސްޓޭޓްގެ ޖޮޝީމަތްގެ ޓައުނެއް އަޑިއަށް ދާތީ އެ ޓައުނުގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އެބަދެ އެވެ.

އެ ޓައުނުގައި 25،000 އަށްވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އަޑިއަށްދާ ޓައުނު އޮންނަނީ މޫދަށްވުރެ 6،200 ފޫޓު އުހުގައި އެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިދިޔަ ދެތިން ހަފްތާ ތެރޭގައި އެ ޓައުނުގެ ބިންގަނޑު ކަނޑައިގެން ގޮސް ގޭގޭގެ ފާރުތައް ފަޅައިގެން ދިއުމުގެ ހާދިސާތައް ހިނގުން ވަނީ އިތުރުވެ، އަވަސްވެފައި ކަމަށެވެ. އަދި އާންމުންނަށް ދިރިއުޅެން ދަތިވާވަރަށް އަޑިއަށް ދަމައިގަންނަމުންދާކަމަށްވެ އެވެ.

އިންޑިއާގެ ނެޝަނަލް ޑިޒާސްޓާ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް) އިން ބުނީ މިހާތަނަށް 600 ގެއެއްގައި ދިރިނޫޅެވޭ ވަރަށް ރެނދުލައި ތަޅުންގަނޑު އަޑިއަށް ދަމުންދާ ކަމަށެވެ. މިފަދަ ހާދިސާތައް ރިޕޯޓުކޮށްފައިވާ ތަންތަނުގެ ތެރޭގައި އާންމުންގެ ގޭގޭގެ އިތުރުން ގެސްޓު ހައުސްތަކާއި، ހޮޓެލްތަކާއި ރެސްޓޯރެންޓުތައް އަދި ސަރުކާރު އޮފީސްތައް ހިމެނެ އެވެ.

އެންޑީއާރުއެފްއިން ބުނީ އާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށް އޮޕަރޭޝަން ފަށާފައިވާ ކަމަށެވެ. އެކަމަކު 25،000 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮތް ތަނަކުން ވަގުތީ ހިޔާތަކަށް މީހުން ގެންގޮސް ނިމޭނެ ދުވަހެއް ނޭނގޭ ކަމަށް ބުންޏެވެ.

ވަގުތީ ހިޔާތަކަށް ގެންދާ ކޮންމެ މީހަކަށް ހަ މަސް ވަންދެން ކޮންމެ މަހަކު 6،000 އިންޑިއަން ރުޕީސް ދިނުމަށް ހަމަޖެހިފައިވެ އެވެ.

އިންޑިއާ ސަރުކާރުން ދަނީ އެ ޓައުނު އަޑިއަށް ދާން ޖެހޭ ސަބަބު ހޯދަން މަސައްކަތް ކުރަމުންނެވެ. އެކަމަކު މިހާތަނަށް ހަގީގަތް ހޯދިފައި ނުވާއިރު އެ ޓައުނުގެ ބިންގަނޑަށް ބަދަލުތަކެއް އަންނަކަން މިދިޔަ އަހަރުން ފެށިގެން ވަނީ ފާހަގަވާން ފަށާފައި އެވެ.

އެގޮތުން މިދިޔަ އަހަރު މެއި މަހު ބައެއް ގޭގޭގެ ތަޅުން ދަށުން ފެން ދާ އަޑުފަދަ އަޑުތައް އިވިގެން މީހުން ރިޕޯޓުކޮށްފައިވާ ކަމަށްވެ އެވެ. ފާރުތަކާއި ތަޅުންގަނޑު ކަނޑައިގެން ދާންފެށީ އެ ހާދިސާތަކުގެ ފަހުން ކަމަށް އާންމުންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

އެ ސަރަހައްދަކީ ޗައިނާ ބޯޑަރާއި ގުޅޭ ސަރަހައްދެކެވެ. އިންޑިއާގެ އަަސްކަރީ ބޭސްއެއްގެ އިތުރުން ޗައިނާވެސް ބޮޑެތި އިންފްރާސްޓްރަކްޗާތަކެއް އެމީހުންގެ ބޯޑަރާއި ވަރަށް ކައިރީގައި ހިންގުމަކީ އެ ޓައުނުގެ ބިންގަނޑަށް އޭގެ އަސަރު ކުރާ ސަބަބު ކަމަށްވެސް ބެލެވެ އެވެ.

މި ޓައުން ހިމެނޭ ޖޮޝިމަތަކީ ހިންދޫންނާއި ސިކުން އަޅުކަން ކުރާ ތާރީހީ ބިނާތަކެއް ހުންނަ ސަރަހައްދެކެވެ. ކޮންމެ އަހަރަކު އެތައް ހާސް ބަޔަކު އެތަންތަނަށް ޒިޔާރަތް ކުރެ އެވެ.

އެ ޓައުނު އަޑިއަށް ދިއުމަކީ ސަރުކާރާއި އެ ސަރަހައްދުގެ އާންމުންނާއި ވިޔަފާރިވެރިންނަށް އާމްދަނީގެ ގޮތުން ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް