ހާލުގައި ޖެހުނު ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުން ވަގުތީ ގޮތުން ކޯވިޑް ފެސިލިޓީއަށް

މާލޭ ނީލަން ފިހާރައިގައި އިއްޔެ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަފޭޝަން (...

10 Jan 2023 | 04:15

މާލޭ ނީލަން ފިހާރައިގައި އިއްޔެ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ހައުސިން ޑިވެލޮޕްމެންޓު ކޯޕަފޭޝަން (އެޗްޑީސީ) އިން ބުނީ އަލިފާނުގެ ހާދިސާގައި މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކް އަނދައި ހުލިވެ ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައި ދިނީ ހުޅުމާލޭ ކޯވިޑް ފެސިލިޓީގައި ކަމަށެވެ.

ކޯވިޑްގެ ހާލަތު ރަނގަޅުވުމުން ހެލްތް މިނިސްޓްރީން ވަނީ ތަން ހުސްކޮށް އިމާރާތް އެޗްޑީސީ އާއި ހަވާލުކޮށްފައި އެވެ.

އެޗްޑީސީން ބުނީ އެ ތަނުގައި ސިޓީ ކައުންސިލް ބިދޭސީ މުވައްޒަފުންނަށް ނިދައި، ފާހަނާކޮށް ފެންވެރޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެޗްޑީސީން ބުނީ އެ ތަނުގައި މިހާރު 160 އެއްހާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހާލުގައި ޖެހިގެން ކޯވިޑް ފެސިލިޓީއަށް ގެންދެވުނު މީހުންނަށް ގޮދަޑި، ބެޑުޝީޓު އަދި ބާލީހާއި ފާހާނާ ކުރާނެ ސާމާނު ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި ކެއިން ބުއިމުގެ ކަންކަން ސިޓީ ކައުންސިލުން ހަމަޖައްސާނެ ކަމަށް މައުލޫމާތުދެ އެވެ.

https://twitter.com/MaleCitymv/status/1612533261137510401

ސިޓީ ކައުންސިލުން ބުނީ ހާލުގައި ޖެހުނު މުވައްޒަފުން ރޭގެ ވަގުތެއްގައި އެމްޓީސީސީގެ އެހީގައި ހުޅުމާލެއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުންނަށް އިންތިޒާމްތައް ހަމަޖައްސާފައިވާ ގޮތް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ބައްލަވާފައިވާ ކަމަށެވެ.

އެ ކައުންސިލުން ވަނީ އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދީ އިންތިޒާމްތައް ހަމަޖައްސައި ދީފައިވާކަން ފާހަގަ ކޮށްފައި އެވެ.

ސިޓީ ކައުންސިލުން ބުނީ މި ހާދިސާ އާއި ގުޅިގެން މުވައްޒަފުންތަކެއް ވަގުތީ ހިޔާގައި ތިބެން ޖެހުނަސް، ޝެޑިއުލާއި އެއްގޮތަށް އެ މުވައްޒަފުން ވަޒީފާ އަދާ ކުރާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް