އަހަރެންގެ ޕްލޭނުގައި ރޮނާލްޑޯ ހިމެނޭނެ - މާޓިނޭޒް

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ދާދި ފަހުން ޕޯޗުގަލްގެ ގައުމީ ޓީމާއި ހަވާލުވި ސްޕެއިން ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ. ޕޯޗުގަލް ޓީމާ...

10 Jan 2023 | 04:00

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޕޯޗުގަލް ގައުމީ ފުޓްބޯޅަ ޓީމުގެ ޕްލޭނުގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް ދާދި ފަހުން ޕޯޗުގަލްގެ ގައުމީ ޓީމާއި ހަވާލުވި ސްޕެއިން ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.

ޕޯޗުގަލް ޓީމާއި ހަވާލުވުމަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ ރޮނާލްޑޯ އަކީ އޭނާގެ ޕްލޭނުގައި ހިމެނޭ މުހިންމު ކުޅުންތެރިއެއް ކަމަށާއި އަދި އެންމެ ފަހުން ނިމިގެން ދިޔަ ފީފާ ވޯލްޑް ކަޕުގައި ކުޅުނު ޕޯޗުގަލް ޓީމު ލިސްޓުގައި ހިމެނޭ ހުރިހާ ކުޅުންތެރިންވެސް އޭނާގެ ޕްލޭނުގައި ހިމެނޭނޭ ކަމަށެވެ.

އޭނާ ބުނީ ރޮނާލްޑޯ އަކީ ވޭތުވެ ދިޔަ 19 އަހަރު ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެއް ކަމަށާއި އެހެން ކަމުން ރޮނާލްޑޯއަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި ރޮނާލްޑޯ އާއި އެކު ވާހަތައް ކުރިޔަށް ގެންދާނޭ ކަމަށް ވެސް މާޓިނޭޒް ވަނީ ބުނެފައެވެ.

އިތުރަށް ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ ފުޓްބޯޅައިގައި ނިންމުންތައް ނިންމަން ޖެހޭނީ ދަނޑުމަތީގައި ކުޅުންތެރިން ދައްކާ ކުޅުމަށް ބަލާފަ ކަމަށާއި އެއީ އޮފީހުގައި އިދެގެން ނިންމަން ޖެހޭ ނިންމުންތަކަށް ވެގެން ނުވާނޭ ކަމަށެވެ. އަދި އޭނާ އަކީ އެގޮތަށް ނިންމުންތައް ނިންމާ މީހަކަށް ނުވާނޭ ކަމަށެވެ. އަދި އޭނާގެ ފެށުމަކީ އެންމެ ފަހުން ވޯލްޑް ކަޕްގައި ހިމެނުނު 26 ކުޅުންތެރިން ކަމަށްވެސް މާޓިނޭޒް ބުންޏެވެ.

އުމުރުން 49 އަހަރުގެ މާޓިނޭޒް އިއްޔެ ޕޯޗުގަލް ޓީމާއި ހަވަލުވި އިރު، މީގެ ކުރިން ޕޯޗުގަލް ޓީމަށް އިރުޝާދު ދެމުން ގެންދިޔައީ ފެނާންޑޯ ސަންތޯސް އެވެ. އޭނާ އެ މަޤާމު ދޫކޮށްލީ އެންމެ ފަހުން ބޭއްވުނު ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޕޯޗުގަލް ކެޓުމުންނެވެ.

ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމާއި އެކު އެ ޓީމުގެ ކޯޗުކަމުން އިސްތިއުފާ ދިން، މާޓީނޭޒް، ޕޯޗުގަލް ގައުމީ ޓީމާއި ހަވާލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. އެހެން ކަމުން އޭނާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ނިޔަލަށް ޕޯޗުގަލް ޓީމުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް