މިފަހަރު މިކުރެވުނު ދަތުރުގައި ރައްޔިތުންގެ ނިކަމެތިކަން ފެނުން ކަމަށާއި މިފެންނަނީ ރައްޔިތުންނަށް ޙައްޤު މިންވަރު ނޫންކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް ކާނަލް ރިޓެއަރޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ޢަބްދުލް ޙަންނާން އިދުރީސްގެ ކެމްޕޭން ޖަގަހަ، ދާއިރާގެ 3 ރަށުގައި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ ކޮމަންޑޫ ދަރިންގެ ޝުޢޫރަކީ ބޭރު ރަށްރަށުގެ މީހުން އައިސް ރަށުން ފޭބުމަށް ނުގޮވޭނެ ކަމަށެވެ.
"ޙަންނާނަކީ ތަޢުލީމީ، ހުނަރުވެރި ވަރަށް ޤާބިލު ބޭފުޅެއް. އަދި މިދާއިރާގައި މީހުން ނުދެކޭވަރު، މީހުން ވަރަށް ގަދަރުކުރާ ބޭފުޅެއް. އަދި ޙަންނާނަކީ މީހުން ތަރުބިއްޔަތުކުރުމުގައި ނަމޫނާ ބޭފުޅެއް." އެމްއެންޕީގެ ކެންޑިޑޭޓާ ބެހޭގޮތުން ނާޒިމްގެ ޝުޢޫރު ފާޅުކުރެއްވިއެވެ.
އެމްއެންޕީގެ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރޝިޕް ކެމްޕޭން ކުރުމަށް މިމަހުގެ ހަވަނަ ދުވަހު ފެށި ދަތުރުގައި ޙަންނާންގެ ކެމްޕޭން ޖަގަހަ އެންމެ ފުރަތަމަ ހުޅުވީ މި މަހުގެ ހަތް ވަނަ ދުވަހު މަރޮށީގައެވެ. އަދި ހަމަ އެރޭ ޙަންނާންގެ ފޯކައިދޫ ކެމްޕޭން ޖަގަހަ ވެސް ހުޅުވާފައިވާ އިރު، މިރޭ ހުޅުވީ ކޮމަންޑޫ ކެމްޕޭން ޖަގަހައެވެ.
މިޖަގަހަތައް ހުޅުވުމާއެކު ކޮމަންޑޫ، ފޯކައިދޫ އަދި މަރޮށީގައި ކެމްޕޭން ހަރަކާތްތައް ކުރިޔަށް ވުރެ ބާރު ސްޕީޑްގައި ކުރެވިގެންދާނެއެވެ.
ކޮމަންޑޫގައި ޙަންނާންގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްއެންޕީގެ ލީޑަރޝިޕުގެ އިތުރުން ޕާޓީގެ މެންބަރުންނާއި ޙަންނާނަށް ތާޢީދުކުރާ ދާއިރާގެ ގިނަ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
"ދާއިރާގެ ރައްޔިތުން ތިޔަ ހަވާލުކުރައްވަން ތިޔަ ތައްޔާރުވަނީ ވަރަށް ބޮޑު މަސްޢޫލިއްޔަތެއް. މިމަސައްކަތުގައި އަޅުގަނޑުމެން ކާމިޔާބު ހޯދައި، ރައްޔިތުންނަށް ދިމާވާ ހުރިހާ ކަންކަމުގައި ޕާޓީގެ ލީޑަރޝިޕާއެކު ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިތިބޭނެ. އަދި އިރާދަކުރެއްވިއްޔާ މިމަސައްކަތް ބޮޑުތަނުން ކާމިޔާބުކުރާނެ." ޙަންނާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް