މިދިޔަ އަހަރު ޑިސެމްބަރު މަހު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 2.03 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %95.0 އިތުރު އަދަދެއް ކަމަށާއި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %45.0 އިތުރު އަދަދެއް ކަމަށެވެ.
ފައިބެއަހަރުގެ ޑިސެންބަރު ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޖީ.އެސް.ޓީ، އިންކަމް ޓެކްސް، ގްރީން ޓެކްސް އަދި އެއަރޕޯޓް ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ ފައިސާ އިތުރުވުންކަން އެ އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، ނޮވެމްބަރު 2020 އާއި އަޅައިބަލާއިރު، ނޮވެމްބަރު 2021 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދު ހަތަރުގުނަ އިތުރުވެފައިވާ ކަމަށާއި މީގެ ސަބަބަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ ސަބަބުން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މިންވަރު ދަށްވެފައިވުންކަމަށް މީރާއިން ފާހަގަކުރެއެވެ.
މީގެ އިތުރުން، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގައި ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި އާމްދަނީ ލިބިފައިވުމަކީ ޑިސެންބަރު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ޑިސެންބަރު 2021 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ ސަބަބެއް ކަމަށާއި މި ފީ ޑިސެންބަރު 2020 ގައި ލިބިފައެއް ނުވާ ކަމަށް މީރާ އިން ބުނެއެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 952.77 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްއިންނެވެ. އެއީ 485.44 މިލިއަން ރުފިޔާއެވެ.
މީގެ އިތުރުން، ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 153.60 މިލިއަން ރުފިޔާ، އިންކަމް ޓެކްސްގެ ގޮތުގައި 95.69 މިލިއަން ރުފިޔާ، ގްރީން ޓެކްސްގެ ގޮތުގައި 94.41 މިލިއަން ރުފިޔާ އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި 243.65 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
ޑިސެންބަރު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 105.48 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް