މެނޭޖީރިއަލް ޓްރެއިނިންގ ގެ ސަބަބުން ކުންފުނި ކުރިއަށްދާ ސްޕީޑާ އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުން ވެސް އިތުރަށް ހަރުދަނާވާނެ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ސްޓެލްކޯގެ މިޑްލް މެނޭޖްމަންޓަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މެނޭޖީރިއަލް ޓްރެއިނިންގ ނިންމި ބައިވެރިންނަށް ސެޓިފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މުޣުނީ ވިދާޅުވީ މި ޕްރޮގްރާމަކީ މިފަދަ އެހެން ޕްރޮގްރާމްތަކެއްގެ ވެސް ފެށުން ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި މިފަދަ އެހެން ޕްރޮގްރާމުތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
"މި ޓްރެއިނިންއާއެކު، ކުންފުނި ކުރިއަށްދާ ސްޕީޑާ އެއްވަރަށް ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއްގެ ހިންގުންވެސް އިތުރަށް ހަރުދަނާވެ، ވަރުގަދަވެގެންދާނެ. މިއީ މި ކުންފުނީގެ ލީޑަރޝިޕް ސަކްސަޝަން ޕްލޭންގެ ދަށުން ނެކްސްޓް ޖެނެރޭޝަން އޮފް ލީޑަރސް ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމެއް. ކުރިއަށް އޮތްތަނުގައި ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ގޮތުގައި މަސައްކަތްކުރަން ތިބި ފަރާތްތަކަށް މިފަދަ އިތުރު ޓްރެއިނިންގތަކެއް ދެވި، ކުންފުނީގެ ވިޝަންއާއި މިޝަންއާ އެއްގޮތަށް މަސައްކަތްތައް ބައްޓަންކޮށް، ރައްޔިތުންނަށް މިހާރަށްވުރެވެސް ރަނގަޅު ހިދުމަތްތަކެއް ދެވިގެންދާނެ ކަން ކަށަވަރު ކުރެވިގެންދާނެ،" މުޣުނީ ވިދާޅުވިއެވެ.
މިފަދަ ޓްރެއިނިންގތަކާއެކު، ކުންފުނީގައި ކުރިން ހުރި ސަގާފަތްތައް ބަދަލުވެގެން އަންނަ އިރު، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތްތެރި، ތެދުވެރި، އަދި އަޚުލާގު ރަނގަޅު ބަޔަކަށް ހެދިގެންދާނެ ކަމަށް ވެސް މުޣުނީ ވިދާޅުވިއެވެ. އަދި ދަށުން މަސައްކަތް ކުރާ މުވައްޒަފުން އިތުރަށް މޮޓިވޭޓް ކުރުމުގެ ހުނަރުތައް ވެސް ދަސްވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ލީޑަރޝިޕް ސްކިލްސް، ޕީޕަލްސް ސްކިލްސް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ސްކިލްސް ހިމަނައިގެން ތިން ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޓްރެއިނިންގ ގައި މިޑްލް މެނޭޖްމަންޓުގެ 45 މުވައްޒަފަކު ވަނީ ތަމްރީނުކޮށްފައެވެ.
ސްޓެލްކޯއިން ބުނީ، މިއީ ކުންފުނީގެ ތާރީޚުގައި ވެސް ކުންފުނީގެ ކުރިމަގު ބައްޓަންކުރުމަށްޓައި، ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ އިސް މަގާމުތަކާ ހަވާލުވާން ތިބި ފަރާތްތަކަށް ދެވުނު ފުރަތަމަ ޓްރެއިނިންގ ކަމަށެވެ.
މީގެ ކުރިން މިފަދަ ތަމްރީނުތައް ދެވިފައިވަނީ ސީނިއަރ މެނޭޖްމަންޓަށް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް