ފުރަތަމަ ބެޗުގެ 35 ދަރިވަރުންނާ އެކު އޭވިއޭޝަން އެކަޑެމީގެ ކިޔެވުން ފަށައިފިއެވެ.
ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގުޅިގެން ހަދާފައިވާ އޭވިއޭޝަން އެކަޑެމީގައި ކިޔެވުން ފަށާފައިވަނީ މިއަދުއެވެ.
ފުރަތަމަ ބެޗުގެ ރިފްރެޝަރ ޕްރޮގްރާމްގައި ހިމެނެނީ 150 ގަޑިއިރުގެ ތިއަރީ ބަޔަކާއި 10 ގަޑިއިރުގެ އުދުހުމުޔގެ ބަޔެވެ.
ތިއަރީ ކްލާސްތައް އޮންލައިންކޮށް ގެންދަން ހަމަޖައްސާފައިވާ އިރު، އެ ކްލާސްތައް އޮންނާނީ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް، މެންފުރު ފަހު 1:00 އިން ހަވީރު 6 ޖަހަންދެން ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
މި އެކަޑަމީ އަކީ ސަަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ އޭވިއޭޝަން އެކަޑެމީއެކެވެ. އެހެންނަމަވެސް އެތަން މެނޭޖްކުރާނީ ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ.
އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ޖެނީފާ ވިދާޅުވީ ފްލައިންގ ސްކޫލަށް ބޭނުންވާ ބޯޓުތައް ޖޮއިންޓް ވެންޗަރ ކުންފުނިން ގަނެފައިވާ ކަމަށާއި މި މަހުގެ ތެރޭގައި އެ ބޯޓުތައް ގެނެސް، އަންނަ ފެބްރުވަރީ މަހުގެ ފަހުކޮޅު ފްލައިންގ ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ރިފްރެޝަރ ޕްރޮގްރާމްގެ ފީގެ ގޮތުގައި ދައްކަންޖެހޭ 1،500 ޑޮލަރު، ލޯންގެ ގޮތުގައި ދަރިވަރުންނަށް ދޫކުރުމަށް ނިންމާފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުރިންބުނެފައެވެ. އަދި ދަރިވަރުންގެ ކިޔެވުން ފުރިހަމަކުރުމަށް ސަރުކާރުން ލޯނު ހަމަޖައްސައިދޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އައިލެންޑް އޭވިއޭޝަނާއި އެމްއެންޔޫ ގުޅިގެން އޭވިއޭޝަން އެކަޑަމީއެއް ހިންގަނީ އައްޑޫ ފްލައިންގ ސްކޫލް، އޭއޭއޭގެ މައްސަލަ ބޮއްސުންލައި، އެ ސްކޫގައި ކިޔަވަމުން ދިޔަ ދަރިވަރުންގެ ކިޔެވުން ހުއްޓުމުންނެވެ.
އެގޮތުން އެ މައްސަލަތަކާ ހުރެ ދަރިވަރުންނަށް މުއްދަތަށް ކޯސް ފުރިހަމަ ނުކުރެވި، ކިޔެވުމަށް ނެގި ލޯނު ހުސްވެ އިތުރަށް ވެސް ބައެއް ދަރިވަރުންނަށް ލޯނު ނަގަން ޖެހި އެ ދަރިވަރުން މާޔޫސްކަމެއްގައި ތިބެން ޖެހުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް