އެޕެއް އުފައްދައިގެން 100 އަށް ވުރެ ގިނަ މުސްލިމް އަންހެނުންގެ ފޮޓޯ ބޭނުންކޮށް ވިއްކަން ޖަހާފައިވާ އިންޑިއާގެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
"ބުލީ ބާއީ" ގެ ނަމުގައި ހަދާފައިވާ އެ އެޕްލިކޭޝަންގައި މުސްލިމް އަންހެނުންނަށް ނިސްބަތްކޮށް އިހާނެތި ބަސްތައް ބޭނުންކޮށް އެމީހުންގެ ރުހުމަކާއި ނުލާ އެތައް ފޮޓޯތަކެއް ހިއްސާ ކޮށްފައި ވެއެވެ.
އެ ޤައުމުގެ ފުލުހުން ބުނެފައި ވަނީ އޮންލައިން އެޕެއް އުފައްދައިގެން މުސްލިމް އަންހެނުން ނީލަމުގައި ވިއްކަން ޖަހާފައިވާ ކަމުގެ ތުހުމަތުގައި އިންޖިނިއަރިންގ ކިޔަވާ 20 އަހަރުގެ ނިރާޖް ބިޝްނޫއީ ހައްޔަރުކޮށް ފައިވާ ކަމަށެވެ.
ފުލުހުން ހާމަކުރާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކޮމްޕިއުޓާ އިމަޖެންސީ ރެސްޕޮންސް ޓީމާއި ގުޅުން ހުރި މައްސަލައެއް ތަހުގީގު ކުރުމަށްފަހު އިންޑިއާގެ އުތުރު އިރުމަތީ ސްޓޭޓެއް ކަމަށްވާ ޖޯހަޓް އިންނެވެ.
އެ ގައުމުގެ ފުލުހުން ހާމަ ކުރާ ގޮތުގައި ނިރާޖްގެ އިތުރުން މި މައްސަލަ އާއި ގުޅިގެން 21 އަހަރުގެ އިތުރު ދެ ފިރިހެނުންނާއި 19 އަހަރުގެ އަންހެނަކު ހައްޔަރު ކޮށްފައި ވެއެވެ.
އިންޑިއާގެ ބައެއް މުސްލިމް އަންހެން ނޫސްވެރިން މި އެޕްގައި ވިއްކަން ޖަހާފައިވެއެވެ. މި އެޕަކީ މުސްލިމް އަންހެނުންނަށް އިހާނެތިކޮށް ހިތުމުގެ ގޮތުން ހަދާފައިވާ އެޕެއް ކަމުގައި އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހުގައި ވެސް މިފަދަ އެހެން އެޕެއްގެ މައްސަލަ ފެންމަތިވެފައި ވެއެވެ. އެ ފަަހަރުވެސް 80 އަށް ވުރެ ގިނަ މުސްލިމް އަންހެނުން އެ އެޕްގައި ވިއްކަން ޖަހާފައި ވެއެވެ. ނަމަވެސް އެ މައްސަލައިގައި ވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މި ދެ އެޕްގައި ވެސް ވިއްކަން ޖަހާފައިވާ އަންހެނުން ވަނީ މީގެ ކުރިން އިންޑިއާ ގައި ހިންދޫން ނޫން މީހުނާއި މެދު އަމަލު ކުރަމުންދާ އިހާނެތި ގޮތާއި މެދު ވާހަކަ ދައްކާފައިއެވެ.
ބެލެވޭ ގޮތުގައި މި އެޕްގެ ޓާގެޓަކީ ވެސް ހިންދޫންގެ ދީނާއި ދެކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމެވެ. އެހެންކަމުން ބޮޑަށް މިކަން އަމާޒު ކޮށްފައި ވަނީ މުސްލިމް އަންހެން ނޫސް ވެރިންނަށެވެ.
އިންޑިއާގެ 1.3 ބިލިއަން މީހުންގެ އާބާދީގެ ތެރެއިން ހިންދޫ އިން ގެ އާބާދީ %79 ހިއްސާކުރާ އިރު މުސްލިމުންގެ އާބާދީ އަކީ %14 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް