ރަށްރަށުން ރިކްއެސްޓު ކުރާ ވަރަކަށް ސާމްޕަލް ނަގަން ބޭނުންވާ ސާމާނު ފޮނުވަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިހެން ބުނީ އެ އިދާރާ އިން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގްރޫޕުގައި ދުވަސްްއެމްވީ އިން ކުރި ސުވާލެއްގެ ޖަވާބުގައެވެ.
އެޗްޕީއޭ އިން ވަނީ މިއަދާއި މާދަމާ ރަށްރަށަށް ދަތުރުކުރާ މީހުންނަށް ލުއިގޮތްތަކެއް ހަދައިދީފައެވެ.
އެގޮތުން މާލެއިން ސާމްޕަލެއް ނެގުމަށްފަހު ދަތުރުކޮށް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުމަށާއި ރަށަށް ދަތުރުކޮށް، ރަށުން ސާމްޕަލް ނަގާ ޓެސްޓްކުރުމަށްފަހު، ޓެސްޓް ނަތީޖާ ލިބެންދެން ކަރަންޓީނުގައި ހުރުމުގެ ފުރުސަތު ވަނީ ދީފައެވެ.
މިއަދާއި މާދަމާ ގިނަ އަދަދަކަށް އަތޮޅުތަކަށް މީހުން ދަތުރުކުރާނެކަމަށް ބެލެވެއެވެ. އަދި އެފަދަ ގިނަ މީހުންނަށް އެންމެ ފަސޭހަވާނެ ގޮތަކީ އަމިއްލަ ރަށަށް ގޮސް، ސާމްޕަލް ނެގުމަށް ފަހު، ނަތީޖާ ލިބެންދެން ކަރަންޓީނުވުމެވެ.
އެހެންވެ، ދުވަސް ނޫހުން ވަނީ އެފަދަ މީހުންނަށް ވާވަރަށް ސާމްޕަލް ނަގާނޭ އާލާތް ހުރިތޯ ސުވާޅުކުރުމުން އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރަށްރަށުން ރިކްއެސްޓު ކުރާ ވަރަކަށް ސާމްޕަލް ނަގަން ބޭނުންވާ ސާމާނު ފޮނުވަމުންދާކަމަށެވެ. އަދި މިހާރު ވެސް އެގޮތަށް ކުރިއަށްދާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑު ކޭސްތައް މަދުވެފައި އޮތުމަށް ފަހު، އަނެއްކާ ވެސް މިވަނީ އަދަދު ތައް މައްޗަށް ދާން ފަށާފައެވެ. އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލެއިން ޓެސްޓުކުރާ ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވާ ނިސްބަތް މިވަގުތު ހުރީ5 އިންސައްތައިން މަތީގައެވެ.
މިކަމާއި ގުޅިގެން ބަލި ކޮންޓްރޯލް ކުރުމަށް މިއަދުން ފެށިގެން އިތުރު ފިތަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދަކީ ބަލީގެ ނުރައްކާ އެންމެ ބޮޑަށް އޮތް ސަރަހައްދަށްވުމުން، މާލެއިން އަތޮޅުތެރޭގެ ރަށްތަކަށް ދަތުރު ކުރާ މީހުން ޕީސީއާރް ޓެސްޓު ހެދުމާއި، ވެކްސިން ނުޖަހާ މީހުން ކަރަންޓީން ވާންޖެހޭ އުސޫލު ވަނީ ކަނޑައަޅާފައެވެ.
މީގެ ކުރިން ޢަމަލު ކުރަމުން އައި އުސޫލަކީ ވަކި އިންސައްތައަކަށް ވެކްސިން ފުރިހަމަކޮށްފައިވާ ރަށްތަކަށް، އިތުރު ހުއްދައާއި އަދި ޕީސީއާރް ޓެސްޓު ހެދުމާއި ނުލާ ދަތުރުކުރެވޭ އުސޫލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް