2019 ވަނަ އަހަރު ނިމެން ގާތްވެފައިވަނިކޮށް މުޅި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާ ގެ ސަބަބުން، ސިއްހީ ބޮޑު ކާރިސާއަކަށް ވައްޓާލިއެވެ. އަދި އިގްތިސާދީ އަނދަވަޅަކަށް ހުރިހައި މުޅި ދުނިޔެ ވައްޓާލިއެވެ.
ޚާއްސަކޮށް ރާއްޖެފަދަ ވަސީލަތްތައް މަދު ގައުމަކަށް މިއީ ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. ސިއްހީ ގޮތުން ރަނގަޅުކުރަން ހުރި ކަންކަން، ރައްޔިތުންނަށް ސިއްހީގޮތުން އޮޅުން ފިލުވައިދޭން ހުރި ގިނަގުނަ ކަންކަން އެނގި، ހާމަވެގެން ދިޔައީ ކޮވިޑުގެ ސަބަބުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.
ރާއްޖޭގައި ވެސް ކޮވިޑުން ރައްކާތެރިވުމަަށް ޢާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މަސައްކަތް ފެށިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެބޮޑު ޒިންމާއަކަށް ވީ ބަލީގެ ނުރައްކާތެރިކަމާއި ބަލި ފެތުރުން ހުއްޓުވުމަށް ފަރުދީ ލެވެލްގައާއި އެހެނިހެން ލެވެލްތަކުގައި ކަންކަން ކުރާނޭ ގޮތް އަންގައިދިނުމެވެ. ޚާއްސަގޮތެއްގައި ރައްޔިތު މީހާއަށް އެންމެ ފައިދާވާނޭ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަކީ އެ އިދާރާއަށް ދިމާވި ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ބަލީގެ ގޮތުންނާއި ކޮވިޑަކީ މުޅީ ދުނިޔެއަށް ވެސް އައު ބައްޔަކަށް ވާތީއެވެ.
ގައިޑްލައިންތައް ހަދަން ފެށިއެވެ. އެކި ކަންކަމަށް އެކި ގައިޑްލައިން ހަދާ، ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިޔައީ އަވަދިނެތިއެވެ. އެފަހަރަކު ނެރޭ ގައިޑްލައިންގައި ރައްޔިތުންނަށް ދަތިވާކަމެއް ނުވަތަ އުނދަގޫވާކަމެއް އޮތް ނަމަ، އިސްލާހު ކުރަމުން ގެންދިޔައެވެ. އުސޫލުތައް ހަދައި އުސޫލުގެ މައްޗަށް އުސޫލުތައް ނެރުނެވެ.
އެހެންނަމަވެސް ސުވާލަކީ ކޮވިޑު ބަލީގައި ދެ އަހަރު ފާއިތުވެގެން ދިޔަ އިރުވެސް އެޗްޕީއޭ އަށް ރައްޔިތުންގެ އިހުސާސްތައް ދެނެގަނެވުނުބާއެވެ؟ ނޫންނަމަ އުސޫލުތަކާއި ގައިޑްލައިންތައް ހަދާ އިރު، ރައްޔިތުމީހާގެ ފައިވާނަށް އަރައިލެވުނުބާއެވެ؟
އެގޮތަށް ނުވާކަން ހާމަވަނީ ރޭ ކުއްލިއަކަށް ޢާންމުކުރި ގަވާއިދުންނެވެ. ހަމަ ކުއްލިއަކަށް ޕީސީއާރް ޓެސްޓު ހަދަން ޖެހުނީއެވެ. އަތޮޅުތަކުން މީހުން މާލެ އައިސް މިތިބީ، ޗުއްޓީ ދުވަސްވަރުކަމަށްވާތީ ޑޮކްޓަރަށް ދެއްކުމަށާއި ސްކޫލުތައް ހުޅުވެންވާ އިރަށް ދަރީންނަށް ބޭނުންވާ ސާމާނު ގަންނާށެވެ.
އެހެންނަމަވެސް އެޗްޕީއޭގެ ކުއްލި ނިންމުމުގެ ސަބަބުން ރައްޔިތުން އިތުރަށް ރުޅި އައުން ނޫން ކަމެއް ވާނެބާއެވެ؟ ނޫންނަމަ ދެ އަހަރު ފާއިތުވެ ދިޔަ އިރުވެސް އަދިވެސް ތައްޔާރުވަނީ ހެއްޔެވެ؟
ކޮވިޑު ކޭސްތައް އިތުރުވަމުން އައީ ކުއްލިއަކަށް ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ވެސް އެޗްޕީއޭ އަށެވެ. އެހެންވީމާ، އެކަން ދުރާލާ ރައްޔިތުންނަށް އަންގައިދީ، ހަމައެކަނި މާސްކު އެޅުމަށް ހަނދާން ކޮށްދިނުމަކުން ނުފުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް