އިދިކޮޅު ފަރާތްތަކުގެ ވިސްނުމަކީ މާލެ ސަރަހައްދަށް މީހުން ޖަމާކޮށް، މާލެ ސަރަހައްދު ތަރައްޤީ ކުރުން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އެއްފަސްކުރުމުގެ ހައްލަކަށް އަދިވެސް އޮތީ މާލެ އާއި މާލެ ސަރަހައްދު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެ ދައްކަވާފައިވާ ވާހަތަކައި ގުޅިގެން އެކަމަށް ރައްދު ދެއްވައެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ މާލެ ސަރަހައްދަކީ މިހާރުވެސް ޖާގަ އޮތް ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު މިހާރުވެސް ދިރިއުޅެމުންދާ ސަރަހައްދު ކަމަށެވެ. މިސަރަހައްދުގައި އިންސާނީ ވަސީލަތާއި، އެނޫން ވަސީލަތްތައްވެސް ހުރުމުން މިސަރަހައްދު އަދިވެސް އެފަސްކުރުމަށް އެންމެ ރަނގަޅު ސަރަހައްދަކަށް ބެލުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ.
ރައީސް ޔާމީން ވިދާޅުވެފައިވަނީ ރާއްޖޭގެ އެހެން ބައެއް ސަރަހައްދުތަކުގައި އެއްފަސްކުރި ނަމަވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ވަސީލަތްތައް ނެތުންކަމަށާއި އާންމު މުޖުތަމައަކަށް ބޭނުންވާ ހުރިހާ ވަސީލަތެއް މާލެ ސަރަހައްދުގައި ހުރި ފެންވަރަށް ގެންދެވުމަކީ އަހަރުތަކެއް ހޭދަވާނެ ކަމެއްކަމަށެވެ.
ވަކިވަކި ރަށްތަކުން މިސާލު ނަންގަވަމުން އައްޑޫ ސިޓީއާއި، ކުޅުދުއްފުއްޓާއި، ތިނަދޫފަދަ ތަންތަނުގައި ވެސް އެންމެ ބޭނުންވާ މިންވަރަށް ވަސީލަތް ނެތުމަކީ އެރަހައްދުތަކުގެ އެންމެ ބޮޑު ޝަކުވާކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވެފައިވަނީ މާލެ ސަރަހައްދު އެއްފަސްކޮށް، އަދިވެސް މީހުންނަށް ދިރިއުޅެވޭނެ އެތަކެއް ޖާގަތަކެއް ތަނަވަސް ކޮށްދެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރުމުގެ އިޚުލާސްތެރި ނިޔަތެއް އޮންނަން ޖެހޭކަމަށެވެ.
"ކޮންމެ ވެރިއަކުވެސް ވެރިކަމަށް އަންނަނީ ފަސް އަހަރުގެ ދައުރަކަށް އެދައުރުގައި ކުރެވޭނެ ވަރުގެ ކަންތައްތަކެއް ހިފައިގެން ކަމަށްވާއިރު، 20، ނުވަތަ 30 އަހަރުން ނިންމޭ ކަންކަން ހިފައިގެން އެއްވެސް ސިޔާސީ ލީޑަރު ނާންނާނެ. ސިޔާސީ މީހުންނަކީވެސް ސިޔާސީ ކަންކަމުގައި އެދުން ބޮޑު ބަޔަކަށްވާއިރު، ސިޔާސީ ގޮތުން ކުރެވޭ ކަންކަމަކީ އެކަމުން އޭމީހެއްގެ މުސްތަގުބަލާވެސް ބިނާވާ ކަންތައްތަކެއް." ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނުގެ ފަސްއަހަރުގައި މަސައްކަތް ކުރައްވާފައިވަނީ ދިވެހި ރައްޔިތުންނަށް އެކަމުން މަންފާ ލިބޭނެ ގޮތަށް ކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
މަޖިލިސް ބައި އިލެކްޝަންގައި ކޮމަންޑު ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓް ރާޝިދަށް ތާއީދު ކުރެއްވުމަށްއެދި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިދިކޮޅު ފަރާތްތަކަކީ އަތޮޅުތެރޭގެ ތަރައްޤީއަށް މާބޮޑު ވިސްނުމެއް އޮތް ބައެއް ނޫންކަމަށެވެ. އަދި ރަށްރަށުގެ ތަރައްޤީއަކީ އިދިކޮޅު ފަރާތްތަށް މުހިންމު އެއްޗެއް ނޫން ކަމަށެވެ.
އެމްޑީޕީން ގެންގުޅޭ ރަށްތަކުގެ ތަރައްޤީއާއި އެއްގޮތަށް މިފަހަރުގެ އިންތިޚާބުގައި ވެސް އެމްޑީޕީއަށް ވޯޓު ދިނުމަށް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.
https://twitter.com/MohamedNasheed/status/1480227098346209280
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް