އިންޑިއާގައި ކޯވިޑް-19ގެ އޮމިކްރޯން ވޭރިއަންޓު ފެތުރެން ފެށުމާއި އެކު 10 ދުވަސް ތެރޭގައި ބަލި ޖެހޭ މީހުންގެ އަދަދު ލައްކައަކަށް އަރައިފި އެވެ.
މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އިންޑިއާއިން ކޯވިޑް ޖެހިފައިވަނީ 22،775 މީހުންނަށެވެ. އެ ދުވަހަކީ 275 ދުވަސް ތެރޭގައި ކޯވިޑް ކޭސްތައް އެންމެ އިތުރުވި ދުވަހެވެ.
އޭގެ ފަހުން މިހާރު 10 ދުވަސް ފާއިތުވެފައިވާއިރު ކޯވިޑް ކޭސްތަކަށް ވަނީ ކުއްލި އިތުރުވުމެއް އައިސް މުޅި ގައުމު އެލާޓަށް އަންނަވަރުވެފައި އެވެ. އިއްޔެ އެ ގައުމުން 1،79،723 މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ.
އެންމެ ގިނައިން ކޯވިޑް ފެތުރެމުންދަނީ މަހާރާޝްޓްރާ ސްޓޭޓުގައި އެވެ. އެ ސްޓޭޓުން އިއްޔެ 44،388 މީހުންނަށް ކޯވިޑް ޖެހުނު އިރު ވެސްޓު ބެންގާލްއިން 24،287 މީހުންނަށް ކޯވިޑް ޖެހުނެވެ.
ވެރިރަށް ނިއުދިއްލީން 22،751 މީހުންނަށް ކޯވިޑް ޖެހިގެން ރިޕޯޓު ކުރި އިރު ޓަނިލް ނާޑޫ ސްޓޭޓުން ބަލި ޖެހުނީ 12،895 މީހުންނަށެވެ. އަދި ކަރްނާޓަކާއިން 12،000 މީހުންނަށް ކޯވިޑް ޖެހިގެން އިއްޔެ ރިޕޯޓު ކުރި އެވެ.
އިއްޔެ ކޯވިޑް ޖެހިގެން 146 މީހުން މަރުވެފައި އެވެ.
އިންޑިއާއިން ވަަނީ ކޯވިޑްގެ ހާލަތު ގޯސްވެފައިވާތީ މިރެއިން ފެށިގެން ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމާފަ އެވެ. އެގޮތުން އެ ގައުމަށް އެތެރެވާ އެންމެން ހަތް ދުވަހު ހޯމް ކަރަންޓީން ފުރިހަމަ ކުރަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް