ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، ސްރީ ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ލަންކާގައި މިއަދު ބޭއްވި ބައްދަލުވުމުގައި ސްރީލަންކާގެ އާ ބޮޑުވަޒީރާއި އާ ސަރުކާރަށް ދިވެހި ރައްޔިތުންނާއި ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި މިނިސްޓަރު ދުންޔާ ވަނީ ރަނިލްއަށް މަރުހަބާ ދަންނަވާފަ އެވެ. އަދި ސްރީލަންކާ ރައްޔިތުން ޑިމޮކްރެޓިކް ނިޒާމް ދެމެހެއްޓުމަށްޓަކައި ކުރި ހިތްވަރަށް މިނިސްޓަރު ދުންޔާ މަރުހަބާ ވިދާޅުވި ކަމަށާއި ނިމިގެންދިޔަ އިންތިހާބުގައި ލަންކާގެ ޑިމޮކްރެޓިކް ނިޒާމްގެ ކަންކަން ހަރުދަނާކޮށް ފެނިގެންދިޔަ ކަމުގައި ދުންޔާ ވިދާޅުވި ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖެ އާއި ލަންކާ މެދު އޮތް ޒަމާންވީ ގުޅުމާއި ބެހޭ ގޮތުންވެސް މިބައްދަލުވުމުގައި ދުންޔާ ވާހަކަ ފުޅު ދެއްކެވި ކަމަށެވެ. އަދި މިގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށްޓަކައި ދިވެހި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދުންޔާ ދެއްވެވި ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން އިތުރަށްބުނީ ގިނަ ދިވެހިންނަށް ލަންކާއަކީ ދެވަނަ ވަޒަނެއް ކަމަށާއި ދެގައުމުގެ މެދުގައި އޮތް ގުޅުމަކީ އިތުބާރާއި އުހުވަތްތެރިކަމުގެ ގުޅުމެއް ކަމުގައި ދުންޔާ ވިދާޅުވި ކަމަށެވެ. އަދި ލަންކާގެ ކާމިޔާބީތަކާއި މެދު ރާއްޖެ އިން ފަހުރުވެރިވާ ކަމުގައި މިނިސްޓަރު ދުންޔާ ވިދާޅުވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.
މި ބައްދަލު ކުރެއްވުމުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް އާއި ދިވެހިރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު ޒާހިޔާ ޒަރީރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް