ހުޅުމާލެ ހިއްކާ ކޮންނަ ބޯޓު މިއަދު މަސައްކަތް ފަށަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ބޯޓު ރާއްޖެ އަތުވެއްޖެ އެވެ. އެޗްޑީސީގެ މެނޭޖިންގް ޑައިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ދުވަހަށް ވިދާޅުވީ އެ ބޯޓު ރާއްޖެ އައިސްފައި ...

10 Jan 2015 | 07:50

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފެށުމަށް ބޭނުންވާ ބޯޓު ރާއްޖެ އަތުވެއްޖެ އެވެ.

އެޗްޑީސީގެ މެނޭޖިންގް ޑައިރެކްޓަރު ސުހެއިލް އަހުމަދު މިއަދު ދުވަހަށް ވިދާޅުވީ އެ ބޯޓު ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނުުގެ ވައްގުތެއްގައި ކަމަށާއި ކުރިން ރާވާފައިވާގޮތަށް ބަރާބަރަށް މަސައްކަތް ފެށިގެން ކުރިޔަށް ގެންދެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ބޯޓުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތައް މިއަދުހަވީރު ފެށޭނެ ކަމަށެވެ.

މިއަދު ހަވީރު އެ ބޯޓަށް ވެލި އަޅަން ފެށުމުގެ މަސައްކަތް ފަށާނެ އެވެ. ބޯޓަކީ އެއްފަހަރާ 40000 އަށް ވުރެ ގިނަ ކިއުބިކް ޓަނުގެ ވެލި ނެގުމުގެ ގާބިލްކަން ލިބިފައިވާ ބޯޓެކެވެ.

"އެ ބޯޓަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ކުރުމަށް ބެލްޖިއަމްގެ ޑްރެޖިން ކުންފުނިން ގެނެސްފައިވާ ބޯޓެއް. ހަމަޖެހިފައިވާގޮތަށް ބޯޓު ވަގުތަށް ރާއްޖެ އައުމުން އެއްވެސް ލަސްތަކެއް ނުވެ މަސައްކަތް ފަށައި ކަނޑައެޅިފައިވާ ތާރީހަށް މަސައްކަތް ނިންމާލެވޭނެ" ސުހެއިލް ވިދާޅުވި އެވެ. މި "ލިއެވް އެެރިކްސަން" ނަމަކަށް ކިޔާ މި ބޯޓު ރާއްޖެ އައިސްފައި ވަނީ ސިންގަޕޫރުން ފުރައިގެންނެވެ.

ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީހަމަޖެހިފައި އެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުނެ އެވެ. ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހި ކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.

ހުޅުމާލެ ހިއްކުމުގެ މަސައްކަތުގެ ތެރެއިން އެ ބޯޓު ބޭނުންކޮށްގެން ކުރާ މަސައްކަތައް ދެ މަސްތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން ބުނެ އެވެ. އެ މަސައްކަތަކީ ބޭންކް އޮފް ސިލޯނުން ދިން 30 މިލިއަން ޑޮލަރުގެ ލޯނުން ހިންގާ މަޝްރޫއުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް